ރައީސް ޔާމީންގެ ދިފާޢީ ވަކީލުންގެ ޓީމް
ރައީސް ޔާމީންގެ ދިފާޢީ ވަކީލުންގެ ޓީމް
ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޢަބްދުالله ޔާމީން ހެކިންނަށް ނުފޫޒު ފޯރުވަންޖެހޭ ސަބަބެއް ނެތް ކަމަށް އެމަނިކުފާނުގެ ދިފާޢީ ވަކީލުން ބުނެފިއެވެ.

މޯލްޑިވްސް ލީގަލް ބިއުރޯގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ވ. އާރަށު މައްސަލައިގައި ހެކިންގެ ހެއްކަށް ނުފޫޒު ފޯރުވުމަށް ރައީސް ޔާމީން ގެންދަވަނީ، އެކި ގޮތްގޮތަށް މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

އެކަމަށް ރައްދު ދެއްވަމުން ރައީސް ޔާމީންގެ ދިފާޢީ ވަކީލު އާދަމް ޝަމީމް ވިދާޅުވީ ރައީސް ޔާމީނަކީ ހެއްކަށް ނުފޫޒު ފޯރުވާނެ ބޭފުޅެއް ނޫން ކަމަށެވެ. ޝަމީމް ވިދާޅުވީ ރައީސް ޔާމީނުގެ ފަރާތުން އެއްވެސް މީހަކު ވ. އާރަށު މައްސަލައިގައި ހިމެނޭ އެއްވެސް ހެއްކަކަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނޯންނާނެ ކަމަށެވެ.

"އަދި ނުވެސް ފޯރުވާނެ. އަދި ނުފޫޒެއް ފޯރުވަންޖެހޭފަދަ ސަބަބެއްވެސް ނެތް." އާދަމް ޝަމީމް ވިދާޅުވިއެވެ.



އާރަށުގެ މައްސަލައިގައި ހެކިބަސްދޭ ފަރާތްތަކަށް، ރައީސް ޔާމީންގެ ފަރާތުން ނުފޫޒުތަކެއް ފޯރަމުންދާކަމަށް ފާހަގަކޮށް، ޕީޖީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ވާގޮތުން، ހެކިންނަަށް ނުފޫޒު ފޯރުވުމާއި ބިރުދެއްކުމަކީ، ދައުވާ ލިބޭ ފަރާތް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ކަމަށެވެ. އެެހެންކަމުން ރައީސް ޔާމީނާއިމެދު އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށްވެސް އެ ސިޓިގައި އެދިފައިވެއެވެ.

ވ. އާރަށުގެ މައްސަލާގައި މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅޭ މުޙައްމަދު ޙުސައިން (އޮއިއްޓޭ) އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް އަޙްމަދު ނާޒިމް ވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދީފައެވެ. އަދި އެ އަޑުއެހުން ތަކުގައި އެފަރާތްތަކުގެ ހެކިބަހަށް ހުރަސްއެޅުމަށް ރައީސް ޔާމީންގެ ދިފާޢީ ވަކީލުން މަސައްކަތް ކުރެއްވި މަންޒަރުވެސް ފެނިގެން ގޮސްފައިވެއެވެ.

ގިނަ ބައެއްގެ ޝައުޤުވެރިކަން ހުއްޓިފައިވާ ވ. އާރަށުގެ މައްސަލައިގައި ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް 15 އޯގަސްޓު 2022 ވާ ހޯމަ ދުވަހުގެ 9:30 އަށް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ތާވަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު