ަހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ވިޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް
ަހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ވިޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް
ފޮޓޯއެއް ފޮނުވިކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފިއެވެ.

2017 ވަނަ އަހަރު، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ފޮޓޯއެއް ފޮނުވި ކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވަނީ ލ.ގަން އަލިނޫރު، އަޙްމަދު މަޢުރޫފް ޢަލީ އެވެ. އޭނާ އަކީ މެދު ނުކެނޑި ފަންސަވީސް އަހަރަށްވުރެ ގިނަ ދުވަހު ޝަރުއީ ދާއިރާގައި މަސައްކަތް ކޮށްފައިވާ މުވައްޒަފެކެވެ.

އޭނާ ވަޒީފާއިން ވަކިކުރުމުން، އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުން އެ ޓްރައިބިއުނަލުން ނިންމާފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. އެހެންނަމަވެސް އޭނާގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ބުރާސްފަތި ދުވަހު ނިންމާފައިވަނީ ޓްރައިބިއުނަލްގެ ނިންމުން ބާތިލުކޮށް، އޭނާ ކުރިން ހުރި ވަޒީފާ އަލުން އަނބުރާ ދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައިވާ ދުވަސްތަކަށް މުސާރަވެސް ދިނުމަށެވެ.

"ލ.ގަން މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއިން ވަކި ކުރެވުނުއިރު އޭނާ ހުރި ވަޒީފާ އަލުން ރުޖޫޢަ ކޮށްދިނުމަށާއި، ނޫނީ އަޙްމަދު މަޢުރޫފް ޢަލީ ވަޒީފާއިން ވަކި ކުރިއިރު ހުރި ވަޒީފާގައި ބެހެއްޓެން ނެތްނަމަ، އެވަޒީފާއާ ގުޅޭ ނުވަތަ އެނޫންވެސް އޭނާ ލ.ގަން މެޖިސްޓްރޭޓް ކޯޓުގައި އަދާ ކުރަމުންދިޔަ ވަޒީފާއާ އެއްހަމަ ވަޒީފާއެއްގައި ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި އަޙްމަދު މަޢުރޫފް ޢަލީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އޭނާގެ ވަޒީފާ އަލުން އަނބުރާ އިއާދަކުރެވޭ ދުވަހަކާއި ހަމައަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތަކުން، އެއްވެސް މިންވަރެއް އޭނާއަށް ލިބިދީފައިވާނަމަ، އެމިންވަރެއް އުނިކުރުމަށްފަހު ބާކީ ދޭން އޮތް މިންވަރެއް ހިސާބުކޮށް އަންނަ މިންވަރެއްގެ ފައިސާ އޭނާއަށް ދިނުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އަޙްމަދު މަޢުރޫފް ޢަލީއަށް ލިބިދޭންޖެހޭ ފައިސާއާއި އަދި އޭނާގެ ވަޒީފާގެ ކަންތައްތައް ސަރުކާރު ބަންދުނޫން ހަތް ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް އަމުރުކޮށްފީމެވެ." ހައިކޯޓުގެ ޙުކުމްގައި ވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މި ގޮތަށް ހުކުމްކޮށްފައިވަނީ ބުރާސްފަތި ދުވަހު، އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒު އާއި، މުހައްމަދު ފައިސަލް އަދި އަބްދުއްރަޢޫފު އިބްރާހިމެވެ.

މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މީގެ ކުރިންވެސް ކޯޓުތަކުން ގަވާއިދާ ޚިލާފަށް މުވައްޒަފުން ވަކިކޮށްގެން، އަލުން އެ ފަރާތްތަކަށް ވަޒީފާދޭން ކޯޓުތަކުން ހުކުމްކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން