ގދ. ތިނަދޫ، އުމުރުން 37 އަހަރުގެ މުހައްމަދު ރުސްތަމް މުޖުތުބާ
ގދ. ތިނަދޫ، އުމުރުން 37 އަހަރުގެ މުހައްމަދު ރުސްތަމް މުޖުތުބާ
އިސްލާމްދީނަށް ފުރައްސާރަކުރި ރުސްތުމް ބަންދުގައިހުރި މުއްދަތު އަދަބުން އުނިކުރުމުން އިތުރަށް ތަންފީޒު ކުރަންޖެހޭ ޙުކުމެއްނެތް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލާގައި ދަޢުލަތުން ދަޢުވާ އުފުލާފައިވަނީ ގދ. ތިނަދޫ، އުމުރުން 37 އަހަރުގެ މުހައްމަދު ރުސްތުމް މުޖުތުބާގެ މައްޗަށެވެ. އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލްކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ރުސްތުމްގެ މައްޗަށް އުފުލާފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމުގެ ދައުވާއާއި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ދަޢުވާތަކަށް ރުސްތުމް އިއުތިރާފުވެފައިވާތީ ދީނީ އެއްބައިވަންތަކަށް ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާގައި އޭނާއަށް ދީފައިވާ އަދަބަކީ ތިން މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އޭނާއަށް ކޮށްފައިވަނީ 13 ދުވަހުގެ ޖަލު ޙުކުމެކެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އޭނާ ބަންދުގައި 6 މަސް ހޭދަކޮށްފައިވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އޭނާ ބަންދުގައި ހުރި މުއްދަތު އަދަބުން އުނިކުރުމުން އިތުރަށް ތަންފީޒު ކުރަންޖެހޭ މުއްދަތެއް ނެތްކަމަށް ޤާޟީ މުޙައްމަދު މިސްބާޙު މިއަދުވަނީ ޙުކުމް ކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަ ކުރަމުގެ ތުހުމަތުގައި ފުލުހުންގެ ބަންދަށް ރުސްތުމް އެންމެ ފުރަތަމަ ގެންގޮސްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ރުސްތުމްގެ މައްސަލައިގައި ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދަޢުވާ ކޮށްދިނުމަށް އެދި ފުލުހުން 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދިހަ ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވަނިކޮށް، މައްސަލަ ކޯޓުގައި އޮއްވާ، އޭނާ ދޫކޮށްލީ 2020 ވަނަ އަހަރުގެ މާރޗް ނުވަ ވަނަ ދުވަހު، ކޯޓުން ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޯޓުން ރުސްތުމް ދޫކޮށްލި ފަހުން ވެސް އޭނާ ވަނީ ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ހިއްސާކޮށްފައެވެ.

ފަހަކަށްއައިސް އިސްލާމްދީނާ ދެކޮޅު ޝުއޫރުތައް މީސްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ފާޅުކުރުމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން