ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރެއްވުމަށް އެމްޑީޕީގެ މަޖިލީސް މެންބަރުން ކުރަށްވާ މަސައްކަތާމެދު ކަންބޮޑުވުމެއް ނެތްކަަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރެއްވުމަށް މަސައްކަތް ކުރެއްވުމަކީ މާބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެކަމާ ނުވިސްނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް އެމަނިކުފާނު މަޖިލީހުގައި ކުރައްވާ މަސައްކަތް މެންބަރުން ބަލައިގަންނާނެކަން ޔަގީން ކުރައްވާ ކަމަށްވެސް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ. އެ މައްސަލާގައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު މާބޮޑު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މަސައްކަތް ވެރިކަން ހިންގާ އެމްޑީޕީގެ ތެރެއިން ފެށީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް ނިސްބަތްކޮށް ޖިނާއީ ކުށެއްގެ ތުހުމަތު އެމަނިކުފާނު ކުރެއްވުމުންނެވެ. ނަމަވެސް މިއަދު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެއްކެވި ވާހަކަތައް ޤާނޫނުން ސާފުވާން އޮންނާނެ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވަނީ 22 މެންބަރުންގެ ސޮއެވެ. އެހެންނަމަވެސް ގާތްގަނޑަކަށް 35 މެންބަރުން މިހާތަނަށް އެ ލިޔުމުގައި ސޮއިކުރައްވައިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ފާސްވާނީ އެކަމަށް ނަގާ ވޯޓުގައި 43 މެންބަރުން އެހުށައެޅުމާ އެއްކޮޅަށް ވޯޓު ދެއްވުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު