ރައީސް ސޯލިހްގެ ސަރުކާރު ކޯލިޝަންގައި ހިމޭނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުން
ރައީސް ސޯލިހްގެ ސަރުކާރު ކޯލިޝަންގައި ހިމޭނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުން
ކޯލިޝަން ސަރުކާރު ތެރޭގައި ހިނގާ ކަންކަމަށް ޕާޓީތަކުގެ ލީޑަރުން ޒިންމާ ކުރާނެ ގާނޫނެއް ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ހިނގާ ކަންކަމަށް ކޯލިޝަންގެ ލީޑަރުން ޒިންމާކުރުވާނެ ގާނޫނެއް ގެންނަންޖެހޭ ކަމަށާއި، އެއީ ކޯލިޝަން ސަރުކާރުގެ ސިފައަކަށް ހަދަންޖެހޭ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ޚިދުމަތް ނުދެވޭނަމަ ޒިންމާ ނެގުމާއި، މަޖިލީހުގެ ގޮނޑި ހޯދުމާއި، ސަރުކާރުގެ ވައްކަމާ ކޮރަޕްޝަންގެ ޒިންމާ ޕާޓީތަކުގެ ނިސްބަތުން އުފުލާ ހުރިހާ ލީޑަރުންނަށް ހުކުމް އަންނަގޮތަށް ލާޒިމްކުރާ ގާނޫނެއް ގެންނަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާކުރެއްވި މޫސަ ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރެއްގައި ވަޒީރުންގެ މަޖިލިސް އެކުލެވިގެންވާނީ ފެޑްރަލް ދައުލަތެއްގެ ސިފައިގައި ކަމަށް ބުނާ އިތުރު ބާބެއް ގާނޫނު އަސާސީ އަށް ގެނައުމަށް މޫސަ ގޮވާލެއްވިއެވެ. މީގެ އިތުރުން ކޯލިޝަން ސަރުކާރެއްގައި ޕާޓީތަކުން ވަޒީރުންނަށް ވެވޭނީ ދަރިން، އަނބިން، ފިރިން، މައިދައިތަ، ބަފައިބެ އަދި އާއިލާގެ މީހުންނަށް އެކަނި ކަމަށް ހަދަންޖެހޭ ކަމަށް މަލާމާތުގެ ރާގެއްގައި މޫސަ ވިދާޅުވިއެވެ.

"އެއިރުން ކޮންމެ ސަރުކާރެއްގައި މިނިސްޓްރީ އުވާނުލައި ފަރުޖެހިދާނެ." ހައުސިން މިނިސްޓްރީ އުވާލި މައްސަލައަށް އިޝާރަތް ކުރައްވަމުން މޫސަ ވިދާޅުވިއެވެ.

އެމްއާރުއެމްގެ ސްލެޓެއްގައި ވަޒީރު ކަމުގައި ހުންނެވި ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވުމުން އެމަގާމަށް ހަމަޖައްސާނެ ބޭފުޅެއްގެ ނަން ފޮނުވަން އެޕާޓީން މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިގޮތަކަށް ރައީސް ސޯލިހް ހައުސިން މިނިސްޓްރީ ވަނީ އުވާލައްވާފައެވެ.

އެމިނިސްޓްރީ ރައީސް އުވާލެއްވިއިރު މާލެ ސިޓީކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދު އެމަގާމަށް ހަމަޖެއްސުމަށް އެމްޑީޕީގެ ތެރެއިން އިސްބޭފުޅުން މަސައްކަތްކޮށްފައިވާ ކަމުގެ އަަޑުތައް ވެސް ފެތުރިފައިވެއެވެ.

އާ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރެވިފައިވަނީ އެއްޕާޓީއަށް ވުރެ ގިނަ ޕާޓީ ބައިވެރިވާ ކޯލިޝަން ތަކުންނެވެ. އެހެން ނަމަވެސް މާގިނަ ދުވަހެއް ނުވެ ކޯލިޝަން ޕާޓީތަކަށް ދޭންޖެހޭ ހިއްސާ ނުދިނުމާއި އެތެރޭގައި ކޯޅުން ބޮޑުވެ ވަކި ހިސާބުން ކޯލިޝަން ރޫޅިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރެއްވި އެއްވެސް ވެރިއަކަށް ކޯލިޝަން ސަރުކާރެއް ދެމެހެއްޓިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން