ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު 
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު 
11 އަހަރުގެ ކުޑަ އަންހެން ކުއްޖާ ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ މައްސަަލައިގެ ޝަރީއަތް ނިމެން ދެން ބަންދުގައި ބަހައްޓަން އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ޕީޖީގެ އަރިހުން، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އެދިވަޑައިގެންފިއެވެ.

11 އަހަރުގެ ކުއްޖަކު ގެސްޓް ހައުސް އެއްގެ ތެރޭގައި ރޭޕްކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ސީޕީ ހަމީދު ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީހުގައި މިފަދަ އަމުރެއް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގަންނަވާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުންނެވެ. މިއީ މިފަދަ ގޮތަކަށް ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓައިދިނުމުގެ އަމުރެެއް ހޯދާ ދިނުމަށް ޕީޖީގެ ކިބައިން މިދިޔަ 5 އަހަރު ތެރޭގައި ފުލުހުން އެދުނު ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލެވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގައި ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުމާއި މެދު އެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ އެ ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހަކާމެދު، އެ ޤާނޫނުން ލިބިދޭ ޚާއްޞަ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް، ފުލުހުންނަށް ފެނިއްޖެހިނދެއްގައި، އެ ޤާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނަރ އޮފް ޕޮލިސްއަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާތުގައި އެދެވިދާނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ އެފަދަ އަމުރެއް ހޯދާދިނުމަށް އެދި ކޮމިޝަނަރ އޮފް ޕޮލިސް ސޮއިކޮށް ފޮނުވާ ލިޔުމަކުން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅައިފި ހިނދެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީއެންމެއަވަސް ފުރުޞަތެއްގެ ތެރޭގައި، އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅަންވާނެ ކަމަށެވެ.

11 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ގެސްޓް ހައުސްއެއްގެ ތެރޭގައެވެ. ފުލުހުން ބުނީމާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅުން ހުރި އިދާރާތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަަމަށެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން