މޫސުން ގޯސްވެ މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދު ތަކުގެ ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަނީ ދަތިވެފައި
މޫސުން ގޯސްވެ މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދު ތަކުގެ ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަނީ ދަތިވެފައި
މޫސުން ގޯސްވެ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގައި ހާލުގައި ޖެހުނު މީހުންނަށް އެމްއެންޑީއެފުން އެހީފޯރުކޮށްދީފިއެވެ.

އެގޮތުން މިއަދު ހދ.މާވައިދޫއަށް ކާށި ހޮވަން ދިޔަ ބަޔަކު މޫސުން ގޯސްވެ ހާލުގައި ޖެހުމުގެ ސަބަބުން އެމްއެންޑީއެފް ނޮދަން އޭރިއާއިން ވަނީ، އެހީތެރިކަން ފޯރުކޮށްދީފައެވެ. އެމްއެންޑީއެފުން ބުނީ، މިހާދިސާގެ ރިޕޯޓު މިއަދު 17:35 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މި ހާދިސާގައި މޫސުން ގޯސްވެ ހާލުގައި ޖެހިފައިވަނީ ހދ.ކުމުންދޫއިން މާވައިދޫއަށް ކާށި ހޮވަން ދިޔަ 10 މީހެކެވެ. މި މީހުންގެ ތެރޭގައި 7 ފިރިހެނުންނާއި 3 އަންހެނުން ހިމެނެއެވެ. މި މީހުން ހދ.ކުމުންދޫއަށް އެނބުރި ނުދެވިފައިތިބީ މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ދަތުރު ނުކުރެވިގެންކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ، އެ ސަރަޙައްދުގެ ކަނޑު ވަރަށް ގަދަ ކަމަށާއި، މިހާރު ޙާލުގައި ޖެހިފައިވާ މީހުން ކުމުންދޫއަށް ގެންދިއުމަށް ދަތުރުކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން މިއަދު އިރުއޮއްސުނުވަގުތު އައި ބާރުގަދަ ކޮޅިގަނޑެއްގައި، ކ. ގުޅިފަޅުގައި ބޭނުންކުރަމުން ދިޔަ 20 ފޫޓުގެ ގިނަ ޢަދަދެއްގެ ޕްލާސްޓިކް ޝީޓްތަކެއް ކަނޑަށް ދޫވެ، ވިލިމާލެ އާއި، މާލެއާއި ދޭތެރެއިން އިރު އުތުރަށް އޮޔާ ދާތީ، އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިއަދު ހިނގާފައިވާ ކަނޑުމަތީގެ އެހެން ޙާދިސާތަކަށް ބަލާއިރު، ގދ.ހައުޑިގަލާއިން ގދ.ތިނަދޫއަށް ދަތުރުކުރި ދެ ޑިންގީއަކަށް ދިޔަވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހައުޑިގަލާއަށް ދަތުރުދިޔަ ދެޑިންގީގެ ތެރޭގައި ހިމެނެނީ 6 މީހުންނާއެކު ދަތުރުކުރި "ރަންދިޔެ" ނަމަކަށް ކިޔާ ޑިންގީއަކާއި އަދި 5 މީހުންނާއެ ދަތުރުކުރި "ކުރި" ނަމަކަށް ކިޔާ ޑިންގީއެއް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ. މި ދެ ޑިންގީގައި ތިބި ޖުމުލަ 11 މީހަކު، ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިއަދު 17:15 ހާއިރު ގދ. ތިނަދޫއަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގަޑިއަކު 25 މޭލާއި 30 މޭލު ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން