ޖަމާލުއްދީން ސްކޫލް؛ ސްކޫލް ތަކުގައި ކިޔަވައިދޭނީ އެޗްޕީއޭއިން އެކުލަވާލާފައިވާ ނިއުނޯމަލްގެ އުސޫލާއި އެއްގޮތަށް
ޖަމާލުއްދީން ސްކޫލް؛ ސްކޫލް ތަކުގައި ކިޔަވައިދޭނީ އެޗްޕީއޭއިން އެކުލަވާލާފައިވާ ނިއުނޯމަލްގެ އުސޫލާއި އެއްގޮތަށް
ނިއު ނޯމަލްގައި ސްކޫލުތަކުގައި ދުވާލަކު ހަތަރު ގަޑިއިރު ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން، ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބުނުހާ އަވަހަކަށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތަށް ކިޔަވައިދިނުމަށް، ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުރިން ކިޔަވައިދެމުން އައި ގޮތާ ތަފާތުކޮށް ކަންކަން ތަރުތީބުކުރަން ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

ކޯވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުން އަންނައިރު، އަންނަ މަހުގެ ތެރޭގައި ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތައް ހުޅުވަން ވަނީ ނިއްމާފައެވެ. އެއާ އެކު އެކަމަށް ތައްޔާރުވާން މިނިސްޓްރީން ސްކޫލުތަކަށް އެންގި ނަމަވެސް ކިޔެވުން ފަށާނެ ވަކި ތާރީހެއް އަދި ހަމަ ޖައްސާފައެއްނުވެއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ފޮނުއްވި ސާކިއުލާއާ އެކު ފޮނުވި އިރުޝާދުތަކުގައި ބުނާގޮތުން ސްކޫލުތައް އަލުން ހުޅުވާލުން ބަހާލާފައި ވަނީ ތިން ކެޓަގަރީއަކަށެވެ. ފުރަތަމަ ކެޓަގަރީގައި ފާހަގަކޮށްފައިވާ ގޮތުން، ފުލް ލޮކްޑައުންގައި ހިމެނޭ ރަށްރަށުގެ ހުރިހާ ސްކޫލެއް ވެސް ބަންދުވާނެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކީީސްޓޭޖް ހަތަރެއް (ގްރޭޑު 9، 10) އަދި ކީ ސްޓޭޖް ފަހެއް (ގްރޭޑު 11، 12) ގެ ދަރިވަރުންނަށް އެކަނި ކިޔަވައިދޭއިރު ކޯވިޑް-19 ގެ އެއްވެސް ކޭސް އެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ވެސް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ހަމަޖައްސާފައެވެ.

ކީ ސްޓޭޖް އެކެއްގައި ހިމެނެނީ ގްރޭޑު 3،2،1 އެވެ. ކީ ސްޓޭޖް ދޭއްގައި ހިމެނެނީ ގްރޭޑް 6،5،4 އެވެ. ގްރޭޑް 7 އަދި 8 ހިމެނެނީ ކީ ސްޓޭޖް ތިނެއްގައެވެ.

ސާކިއުލާގައި ބުނެފައިވަނީ ކޮންމެ ކީ ސްޓޭޖަކަށް ވެސް ކަނޑައަޅާފައިވަނީ ހަތަރު ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ. އެ ވަގުތުތަކުގައި އެންމެ ގިނައިން ވެސް ކިޔަވައިދެވޭނީ ހަތަރު މާއްދާ ކަމަށް ވެސް ބުނެފައި ވެއެވެ. ކޮންމެ މާއްދާއެއް ވެސް 45 މިނެޓަށް ކިޔަވައިދޭން ޖެހޭއިރު އެ އުސޫލުން ހަފުތާއަކު 16 ގަޑިއިރު ކިޔަވައިދޭން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވެއެވެ. ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައި ވަނީ ސިއްހީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީ އާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.

ސްކޫލަށް ދަރިވަރުން ހާޒިރުވާން ޖެހޭނީ، މީގެ ކުރިއާ ހިލާފަށް ހަފުތާއަކު ހަތަރު ދުވަހުއެވެ. ފަސް ވަނަ ދުވަހު ސްކޫލަށް ޓީޗަރުން ހާޒިރުވެ ކުރާނީ ކިޔަވައިދޭން ޖެހޭ މެޓީރިއަލް ތައްޔާރުކުރުމުގެ މަސައްކަތެވެ. ސީދާ ކްލާސްރޫމުގައި ކިޔަވައިނުދެވޭ ބައިތައް ފުރިހަމަކުރާނީ ގޫގުލް ކްލާސްރޫމް ބޭނުންކޮށްގެންނެވެ. އޭގެ އިތުރުން ކޮންމެ ދެ ހަފުތާއިން އެއް ފަހަރު އޮންލައިން ކްލާސްތައް ގެންދަންޖެހޭނެ ކަމަށް ސާކިއުލާގައި ބުނެއެވެ.

ގައިދުރުކަން ބެހެއްޓުމާއެކު ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަންކަން ހަމަޖައްސަންޖެހޭނެ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ. ސްކޫލަށް ހާޒިރުވާން ޖެހޭ އަދި ނުޖެހޭ ދަރިވަރުން، ޓެލިކިލާސް އަދި ގޫގުލް ކްލާސްރޫމް ނުވަތަ އޮންލައިންކޮށް ކިޔަވައިދޭ ސެޝަންތަކުގައި ބައިވެރިވުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

އައިސޮލޭޝަން ނުވަތަ ކަރަންޓީން ފެސިލިޓީއެއްގައި ހުރި ދަރިވަރަކަށް ވިއަސް ޓެލިކިލާސް އަދި ގޫގުލް ކްލާސްރޫމް ނުވަތަ އޮންލައިން ކްލާސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ހާޒިރީ މާކްކުރަން ޖެހޭނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ވެސް ބަންދުކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 12 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން