އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާ ކަމަށެވެ. ގުރޫމް ކޮށްގެން ރޭޕް ކުރަނީ ނުވަތަ ޖިންސީ ގޯނާ ކުރަނީ މާ ދުރާލާ ރާވައިގެން ކުއްޖާގެ ބޮލުތެރެއަށް ވަދެ ހައްލާލައިގެން ގިނަ ދުވަހުން އެކަމަށް ފުރުސަތު ފަހިކޮށްގެންނެވެ.

އެކުއްޖާ ރޭޕް ކޮށްފައި ވަނީ ހއ.ބާރަށު އަނީސް ހިލްމީއެވެ. މިއީ ފުލުހުން މިފަދަ މައްސަލައެއްގައި ހިމެނޭ މީހެއްގެ ވަނަވަރު ފަހަކަށް އައިސް ހާމަކުރި ފުރަތަމަ ފަހަރެވެ.

ފުލުހުން ބުނީ އަނީސް ހިލްމީ ހައްޔަރުކޮށްފައިވަނީ، ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޖޫން 12 ވަނަ ދުވަހުގެ 22:13 އެހައިކަންހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ގްރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވައި އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު ފުލުހުން އަޅަމުން ގެންދާނެކަމުގައި ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށާއި ކުޑަކުދިންނަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގައި ރައްޔިތުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށް ފައެވެ. އަދި ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުމެއް ލިބިދާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރާކަމުގެ މަޢުލޫމާތެއް ނުވަތަ އެފަދަ ޝައްކެއް ކުރެވުނަސް އެކަމުގެ މަޢުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމެންޓްގެ ނަންބަރު 3000600 ފޯނަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން