ކޯވިޑް-19 އަށް ޓެެސްޓް ކުރުމަށް ސާމްޕަލް ނަގަނީ؛ މުޖުތަމަޢުގައި ބަލި ފެތުރޭވަރު ބެލުމަށް ރެންޑަމްކޮށް ސާމްޕަލް ނެގުން އަދިވެސް ދަނީ ކުރިއަސް
ކޯވިޑް-19 އަށް ޓެެސްޓް ކުރުމަށް ސާމްޕަލް ނަގަނީ؛ މުޖުތަމަޢުގައި ބަލި ފެތުރޭވަރު ބެލުމަށް ރެންޑަމްކޮށް ސާމްޕަލް ނެގުން އަދިވެސް ދަނީ ކުރިއަސް
ހޯމަ ދުވަހުން ފެށިގެން މިހާރު އިޢުލާން ކޮށްފައިވާ ފުރަބަންދު އުވާލަނީ ނޫންކަމަށާއި، މިއީ އަޅާފައިވާ ފިޔަވަޅުތަކަށް ދެވޭ ލުޔެއްކަމަށްވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިރޭ އިލްތިމާސް ކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ވިދާޅުވީ 15 ޖޫންގައި ދެވޭ ލުއިތަކަކީ ފުރަބަންދު އުވާލުން ކަމަށް ބައެއް ފަރާތްތަކަށް ހީވެފައިވާކަމަށެވެ. ނަމަވެސް އެދުވަހު ފުރަބަންދު އުވާލަނީ ނޫންކަމަށާއި، ނިންމާފައިވަނީ އެދުވަހުން ފެށިގެން ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް އެކަނިކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ފިޔަވަޅުތައް ލުއިކުރުމުންވެސް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތައް އަމަލުކޮށް، އަލުން ކޯވިޑް-19ގެ ކޭސްތައް އިތުރުވިޔަނުދީ ހިފެހެއްޓުމަށް ކުރިން ދައްކާފައިވާ މިސާލާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ޑރ ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

"ފުރަބަންދު 15 ޖޫން އިން ފެށިގެން އުވާލަނީކީ ނޫން. އިތުރު ލުއިތަކެއް މިދެނީ. އުންމީދުކުރަން އާންމުން ކުރިންދިން އެއްބާރުލުން ދޭނެކަމަށް. އިރުޝާދުތަކާއި އެއްގޮތައް އަމަލްކުރާނެކަމަށް. ކުރިން ސަމާލުކަންދީފައިވާ ކަންތައްތަކަށް ބަލަންޖެހޭ. ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާ އެއްގޮތައް އަދިވެސް އަމަލުކުރަންވާނެ. އެއްގޮތަކަށްވެސް ފުލުހުން ފިޔަވަޅު އަޅާފާނެތީ ނޫން މިކަންކަމަށް ސަމާލުވާންވީ. ބަލި އަލުން ފެތުރުނަ ނުދިނުން އެއީ އަމިއްލަ ޒިންމާއެއް އެންމެންގެ ރައްކާތެރިކަމަށް އެޅޭ." ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ މިދިޔަ ދެ ހަފްތާގައި ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނުމުން ބައެއް މީހުންގެ އަމަލުތައް ހުރީ ކަންބޮޑުވާ ގޮތަށް ކަމަށެވެ. އެގޮތުން މާގިނައިން އެކި ތަންތަނަށް ދިއުމާއި، ގޭގޭގެ ދޮރުމަތީގައި އެއްވެތިބުމާއި ގިނަ މީހުން ވާހަކަ ދައްކަން އެއްތަނެއްގައި ތިބޭ މަންޒުތައް ފެނިފައިވާކަމަށް ޑރ. ނަޒުލާ ވިދާޅުވިއެވެ. ނަމަވެސް މިއީ އެންމެ ރަގަނޅު ގޮތް ނޫންކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ މިގޮތަށް ގިިނަ ތަންތަނަށް ގޮސް އުޅެނިކޮށް ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ ކޮންޓެކްޓްވާ މީހުންގެ އަދަދު ގިނަވެ އިތުރު ބަޔަކަށް ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވާނެ ކަމަށެވެ.

ފުރަބަންދަށް ފުރަތަމަ ފިޔަވަހީގައި ދިން ލުއިތަކާއެކުވެސް ރާއްޖޭގެ ހާލަތު އަދި ސްޓޭބަލް ކަން ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ. ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ފެންނަމުންދާ ކޭސްތައް ހުރީ ވަރަށް ބޮޑަށް ހިފެހެއްޓިފައި ކަމަށެވެ.

"ފުދޭވަރަކަށް ޓެސްޓް އެބަ ކުރެވޭ، ކޮންޓެކްޓް ޓްރޭސިންވެސް ކުރިއަށް އެބަދޭ އަދި ކޮމިއުނިޓީތެރެއިން އެކްޓިވް ސަވަޔަލެންސްވެސް ކުރިއަށް އެބަދޭ. މިހާރު ފެންނަ ފެނުމަށް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން ތެރޭގައި ބަލި ފެންނަ މިންވަރު ސްޓޭބަލް ވެފައި މިއޮތީ." ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން 15 ޖޫން އަށްފަހުދޭ ލުއިތަކާއި އަދި ފުރަ ބަންދު އުވާލާ އާންމު ހާލަތަކަށް ދާއިރުވެސް މިހާރު އަމަލުކުރަމުންދާގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމުގައި އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތައް ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ ބޭރަށް ނުދިއުމަށްވެސް ޑރ އެފަރާތުން އިލްތިމާސްކުރިއެވެ.

ޑރ. ވިދާޅުވީ، ރާއްޖޭގެ ހާލަތު މިވަގުތު ކޮންމެވެސް ވަރަކަށް ސްޓޭބަލްވެފައި އޮތް ނަމަވެސް، އަދިވެސް މުޖްތަމައުގައި ބަލި ފެތުރެމުންދާ ކަމަށެވެ. އެހެން ކަމުން ހާލަތު ސްޓޭބަލްވި ނަމަވެސް އަދިވެސް މާލޭގެ އެލާޓް ލެވެލްއަށް ބަދަލެއް ނާންނަ ކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައި ވެއެވެ.

މިހާރު ރާއްޖެއިން ފެންނަމުންދާ ކޭސްތައް އުޅެނީ އެވްރޭޖްކޮށް 15އާއި 20 އާ ދޭތެރެގައި ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން