މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު
މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު
ޖަޕާނުން ލިބޭނެ ކަމަށް ބުނި ސަމްރާއީ ބޮންޑު ނުލިބިދާނެ ކަމުގެ އަޑުތައް ފެތުރެމުންދާ ކަމަށާއި، އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ކުރީގެ އިކޮންމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނާއިބް ރައީސްގެ މަގާމުވެސް ފުރުއްވާ މުހަންމަދު ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ސަމްރާއީ ބޮންޑު ޖަޕާނުން ނުލިބޭނެ ކަމުގެ އަޑުތައް ފެތުރެމުންދާތީ އެކަމާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ހާމަ ކުރައްވަމުން ވިދާޅުވީ ދައުލަތުގެ އާމްދަނީ ދަށައް ގޮސް، މާލީ ނިޒާމް ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށް ވިދާޅުވެފައިވެއެވެ.

ފައިސާ ޗާޕްކޮށްގެން ބާޒާރަށް ނެރެން ފަށާފައިވާއިރު ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރުމަކީ މިކަމުގައި އޮތް ނުރައްކަލެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވިއިރު ކޯވިޑް19އާއި ގުޅިގެން ސަރުކާރުން ވަނީ ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން 2.7 ބިލިއަން ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓުން ސަރުކާރަށް އޯވަޑްރޯކޮށްފައެވެ.

"މިއަށް ވުރެ ހާމަކަން ބޮޑުގޮތެއްގައި ސަރުކާރުން މައުލޫމާތު ފޯރުކޮށްދޭންޖެހޭ." ސައީދުގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ބަޖެޓުގައި ވަނީ 300 މިލިއަން ޑޮލަރުގެ ބޮންޑެއް ޖަޕާނަށް ވިއްކަން ކަނޑައަޅައިފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި ބޮންޑަކީ ޖަޕާން ބޭންކް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭބިކް) އިން ގެރެންޓީ ކޮށްދޭނެ ބޮންޑެއް ކަމަށެވެ.

ދައުލަތުގެ ބަޖެޓު ޑެފިސިޓް ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދުމަށް ވިއްކާ މި ބޮންޑު ވިއްކޭ ވަރުވާނީ މި އަހަރުގެ މެދު ތެރޭގައި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިދިޔަ ނޮވެމްބަރު މަހު ދައުލަތުގެ ބަޖެޓު އިއުލާނު ކުރުމަށްފަހު، ބަޖެޓު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ، މި އަހަރު ވިއްކާނީ "ސަމުރާއީ ބޮންޑެއް" ކަމަށެވެ. މީގެ ކުރިން ސަރުކާރުން ވިއްކާފައިވާ ޓީ ބޮންޑުތަކަށް ވުރެ މާ ރަނގަޅު އަގެއްގައި އެ ބޮންޑު ވިއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


11

ޢަލީފިރާޝް

16-Jun-2020

ސައީދުހިތުން އަދިވެސް ސައީދު އެހުރީ ވަޒީރުކަމުގަ.



ޓްރެންޑިން