އަހުމަދު ޝާހް   28 އޯގަސްޓު 2022 - 14:51
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި ތާވަލު ކުރުމަށްފަހު ކެންސަލްކޮށްފިއެވެ.

މަހްލޫފްގެ މައްސަލަ ކްރިމިނަލް ކޯޓުގައި އަލުން މި ފަށަނީ މީގެ ކުރިން އެ މައްސަލަ އެ ކޯޓުން ބޭރުކޮށްލީ ގޯސްކޮށްކަމަށް ނިންމައި އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރުކުރިތާ ފަސް މަހެއްހާ ދުވަސް ފަހުންނެވެ.

މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ އަޑުއެހުން ތާވަލު ކޮށްފައި އޮތީ، މިއަދު ހެނދުނު 9:00 އަށެވެ. ނަމަވެސް މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން އެދިގެންކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. އަޑުއެހުން ކެންސަލްކޮށްފައިވަނީ ރަސްމީ ދަތުރުފުޅެއްގައި މަޙްލޫފު މިވަގުތު މ. އަތޮޅުގައި ހުންނެވުމާ ގުޅިގެންނެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ރިޝްވަތުގެ ދައުވާ މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އެގޮތުން އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، މަޚްލޫފަށްދިން 33،000 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު، މަޚްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް މައްސަލައިގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން