އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ ސިޓީގައި ކޯވިޑް-19 އަށް ޓެސްޓްކުރަން ފަށައިފައިވާ ކަމަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އެހޮސްޕިޓަލުން ބުނެފައިވަނީ، ކޯވިޑްގެ ވައިރަސް ހަށިގަނޑުގައި ހުރިތޯ ދެނެގަތުމަށް ހަދާ ޕީސީއާރް ޓެސްޓު އެހޮސްޕިޓަލުގައި ހެދޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައި ވާކަަމަށެވެ. އެގޮތުން މިހާރު ޕީސީއާރް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓް ކިޓުތައް ހޮސްޕިޓަލަށް ލިބިފައިވާކަމަށާއި، އައްޑޫއަކީ މާލެ ފިޔަވާ ރާއްޖޭގެ އެހެން ސަރަޙައްދަކުން ކޯވިޑަށް ޓެސްޓުކުރަން ފެށި ފުރަތަމަ ސިޓީ ކަމަށް އެ ހޮސްޕިޓަކުން ވަނީ ބުނެފައެވެ.

އައްޑޫގައި ކޯވިޑަށް ޓެސްޓުކުރެވޭނެ އިންތިޒާމު މިއަދު ހަމަޖައްސާފައިވާއިރު މިދިޔަ ހުކުރު ދުވަހު އައްޑޫ އީކުއޭޓަރ ވިލެޖުގައި ކަރަންޓީނުކޮށްފައި ހުރި މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެންއީއޯސީން ވަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާކަމަށް ބުނެފައެވެ

އެންއީއޯސީން މިއަދު ބުނީ އައްޑޫގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ ވަސީލަތް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. އައްޑޫގައި މި ޓެސްޓް ހަދަނީ ބަޔޯ ފަޔަރ މަޝިނެއްގެ އެހީގައި ކަމަށް ވެސް އެފަރާތުން ބުނެފައި ވެއެވެ. މި މެޝިނަކީ ދުވާލަކު 24 ސާމްޕަލް ޓެސްޓް ކުރެވޭ މެޝިނެކެވެ.

އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި ދުވާލަކު 100އާއި 150 އާއި ދެމެދުގެ އަދަދަކަށް ސާމްޕަލްގެ ނަތީޖާ ލިބޭ ވަރުގެ ޕީސީއާރް މެޝިން ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ބަހައްޓާނެ ކަމަށް އެންއީއޯސީން މިއަދު ބުނެފައި ވެއެވެ.

ރާއްޖޭގައި މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. މިވަގުތު މި ބައްޔަށް ފަރުވާ ކުރަމުންދާ ދިވެހިންގެ ޢަދަދަކީ 170 ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން