އަންނަ އާދީއްތަ ދުވަހު ހުޅުމާލޭ ފޭސް2ގައި ޢިމާރާތްކުރި ކާމިލްދީދީ ސްކޫލްގައި ކިޔަވައިދޭން ފަށާނެ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ސްކޫލުތަކަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި ގިނަ ސްކޫލްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 1200 ކުދިންގެ ޖާގަ ހިމެނޭ ސަލާހުއްދީން ސްކޫލާއި، 1200 ކުދިންގެ ޖާގައިގެ އިތުރު ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި 800 ކުދިންގެ ޖާގަ ހިމެނޭ އަޖީލާލް ސްކޫލާއި، 1100 ކުދިންގެ ޖާގަ ހިމެނޭ ސީއެޗްއެސްއީގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ އަންނަ އާދީއްތަ ދުވަހު ހުޅުމާލޭ ފޭސް2ގައި ޢިމާރާތްކުރި ކާމިލްދީދީ ސްކޫލްގައި ކިޔަވައިދޭން ފަށާނެ ކަމަށާއި އޮކްޓޯބަރމަހު ޖަމީލުދީދީ ޕްރީ ސްކޫލްވެސް ހުޅުވޭނެ ކަމަށެވެ.

"އާދިއްތަ ދުވަހު 824 ކުދިންގެ ޖާގައާއެކު އަޅުގަނޑުމެންނަށް ކާމިލްދީދީ ޕްރައިމަރީ ސްކޫލު ހުޅުވޭނެ، ދެން ޖެހިގެން އަންނަ މަހު ޖަމީލުދީދީ ޕްރީ ސްކޫލް ހުޅުވޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވީ ހުޅުމާލޭގައި ހަދަމުންދާ ސްކޫލުތަކުގެ މަސައްކަތް ނިމުމުން ހުޅުމާލޭގައި އިތުރު 6،000 ދަރިވަރުންގެ ޖާގަ އުފެއްދޭނެކަމަށެވެ. އަދި މާލޭގައި ދަރުމަވަންތަ ސްކޫލު ޢިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން