އައްޑޫ ސިޓީ ހިތަދޫ ގެއަކުން ވަގަށްނަގާފައިވާ ގިނަ ޢަދަދެއްގެ ތަކެތި ފުލުހުން ހޯދައިފިއެވެ.



ފުލުހުން ބުނީ ހިތަދޫ ގެއަކުން ތިޖޫރީއެއް ވަގަށް ނަގާފައިވާ ކަމަށް މިއަދު ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ތިޖޫރީ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން ތިޖޫރީވަނީ ހޯދާފައި ކަމަށެވެ. ފުލުހުން ބުނީ އެ ތިޖޫރީ ހޯދާފައިވަނީ އެ ރަށު ފަޅު ތަނެއްގައި ވަޅުލާފައިވަނިކޮށް ކަމަށެވެ. ތިޖޫރީގައި ޕާސްޕޯޓު ތަކަކާއި ޑޮލަރު ތަކަކާއި ޗެކް ފޮތްތަކެއްގެ އިތުރުން އެހެނިހެން ތަކެތި ހުއްޓެވެ.



އޭގެ އިތުރުން މި މަހު 30 ވަނަ ދުވަހު ސައިކަލެއް ވަގަށްނަގާފައިވާ ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ސައިކަލު ހޯދުމަށްވެސް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން އެރަށު ފަޅު ގެއެއްގައި، ސައިކަލު ރޫޅާލާފައި ހުއްޓައިވަނީ ހޯދާފައެވެ.



ހަމައެއާއެކު، މި މަހު 29 ވަނަ ދުވަހު ހިތަދޫ ގެއަކުން އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އެ މައްސަލައާ ގުޅިގެން އޭސީ އައުޓް ޑޯ ޔުނިޓް ހޯދުމަށް ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް، ދެމީހަކު އެ އަންދާލުމުގެ މަސައްކަތްކުރަމުން ދަނިކޮށްވަނީ ފެނިފައެވެ. އެ މައްސަލައާ ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 54 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.



ފުލުހުން ބުނީ މި ތިން މައްސަލަވެސް ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން