އިސްލާޙީ މަސައްކަތަކީ ކުރުމުއްދަތަކުން ނިމޭނެކަމެއްނޫން ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މުހިއްމު ބައިވެރިއެއް ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ރޭ ވިދާޅުވެފައިވަނީ އިސްލާހީ މަސައްކަތަކީ ހަމައެކަނި ވާހަކަދެއްކުމަކުން ނުވަތަ ކުރު މުއްދަތެއްގެ މަދު މަސައްކަތުން ޙާސިލްވާނެ ކަމެއް ނޫންކަމަށެވެ.

އަދި ހެޔޮ ބަދަލެއް ގެނެވޭނީ އެއް އަމާޒަކަށް ދިގު މުއްދަތަކަށް ފޫހިކަމެއް ނުވަތަ ވަރުބަލިކަމެއް ނެތި ކުރެވޭ ގިނަ ބުރަ މަސައްކަތުންކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.



އިމްރާން މީގެ ކުރިން ވިދާޅުވެފައިވަނީ ކަންކަން ޙައްލު ކުރުމުގެ މަސައްކަތާ ކުރިމަތި ލައްވަނީ ކުރިމަތި ވެދާނެ ގޮންޖެހުންތައް ދެނެވަޑައިގަންނަވައިގެން ކަމަށެވެ. އަދި ރާއްޖޭގައި އޮތް ހަގީގަތާ ކުރިމަތިލައިގެން މެނުވީ ރާއްޖެ ހަމަޖެހޭ އަމާން ތަނަކަށް ނުވާނެކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ގައިދީން، ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުން މަދު ކުރުމާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ރިހެބިލިޓޭޓް ކުރުމަކީ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެއްކަމަށް އިމްރާންވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ކުށްކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނެވޭނެ ހަރުދަނާ ނިޒާމެއް ނެތުމަކީ ކުށްމަދު ރައްކާތެރި އަމާން މުޖުތަމައެއް ބިނާކުރުމަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ހުރަސްކަމަށް މި ސަރުކާރުގެ ފިޔަވަޅުއަޅާ މައި އިދާރާއާއި ހަވާލުވެ އޮތް ޢަދާލަތު ޕާޓީގެ ރައީސް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު