ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ހިލޭ ޑިގްރީ ޕްރޮގްރާމަށް ދައުލަތުން 454 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ސަރުކާރުން 15000 ދަރިވަރުންނަށް ކިޔަވައިދިނުން ފާހަގަކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހަންގޭރީން ރާއްޖެއަށް ސްކޮލަރޝިޕް ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ މީހުން ބިނާކުރުމުގެ ދާއިރާކަމަށެވެ. އެގޮތުން މިވޭތުވެދިޔަ 4 އަހަރުގެތެރޭގައި 15000 ދަރިވަރުންނަށް ފުރަތަމަ ޑިގްރީ ހިލޭ ކިޔަވައިދިނުމަށް ދައުލަތުގެ ބަޖެޓުން 454 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރު އެކަނިވެސް 106 މިލިއަން ރުފިޔާ ހިލޭ ޑިގްރީ ޕްރޮގްރާމަށް ޚަރަދުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެދުވަސްވަރުވެސް ތަޢުލީމީ ދާއިރާގައި ދެމުންއައި އެއްވެސް ފުރުސަތެއް ހަނިކޮށް ހުއްޓާނުލާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެކި ޤައުމުތަކުން ދެމުންދާ ސްކޯލަރޝިޕްގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދިނުމުގެ ގޮތުން 480 މިލިއަން ރުފިޔާގެ ސްކޯލަރޝިޕްތަކަށް ޚަރަދުކޮށްފައިވާކަމަށެވެ.

ހިލޭ ޑިގްރީގެ ސްކީމުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ އަދަދު މިހާރު 15،000 އަށް އަރާފައިވާކަން އިއުލާންކޮށްފައިވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރަނގަޅު ތައުލީމެއް ލިބިފައި ތިބި ޒުވާން ޖީލެއް ބިނާކުރުންކަމަށާއި އަދި އެ ޒުވާނުން ގައުމު އާރާސްތުކޮށްދިނުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން