އިންޑިއާގެ ސުޕްރީމް ކޯޓު
އިންޑިއާގެ ސުޕްރީމް ކޯޓު
ދިއްލީ، މަހަރާޝްތްރަ، ޓެމިލް ނާޑޫ އަދި ހުޅަނގު ބަންގާޅުގައި ކޯވިޑް-19 އަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.

ކުރީގެ ވަޒީރު، އަޝްވަނީ ކުމާރް ފޮނުއްވި ސިޓީއަކާއި ގުޅިގެން ސްޕްރީމް ކޯޓުގައި ވަނީ ކުއްލި އަޑުއެހުމެއް ބާއްވާފައެވެ. މި ސިޓީގައި އޭނާ ބުނެފައިވަނީ ކޯވިޑް-19ގައި މަރުވާ މީހުން ވަޅުނުލެވި އެމީހުންގެ ހަށިތައް ގިނަވަމުންދާކަމަށެވެ.

"(ދިއްލީގެ) ބައެއް ހިސާބުތަކުގައި މަރުވެފައިވާ މީހުންގެ ހަށިތައް ގިނަވެ، ބައެއް ހަށިތައް ކުނި ޑަސްބިން ތަކުންވެސް ފެނިފައިވޭ. މަރުވާ މީހުންނާއިމެދު ކަންތައް ކުރަނީ ޖަނަވާރުންނަށް ވުރެއްވެސް ދެރަކޮށް." އަޝްވަނީގެ ސިޓީގައި އޭނާ ބުނެފައި ވެއެވެ.

އޭނާގެ މިޝަކުވާއާއި ގުޅިގެން އިތުރު އަޑުއެހުމެއް މިމަހުގެ 17ވަނަ ދުވަހު ބޭއްވުމައް ވަނީ ހަމަޖެހިފައެވެ.

މި އިހުމާލު ތަކާއި ގުޅިގެން ދިއްލި، މަހަރާޝްތްރަ، ޓެމިލް ނާޑޫ އަދި ހުޅަނގު ބަންގާޅުގެ ޗީފް ސެކްރެޓޭރިއެޓުން ޖަވާބުދާރީވެ، ހާލަތުގެ ރިޕޯޓުތައް ހުށަހެޅުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ދިއްލީގެ އެލް.އެން.ޖޭ.ޕީ ހޮސްޕިޓަލުގެ ބަޔާނެއް ހޯދުމަށް ސްޕްރީމް ކޯޓުން ވަކިން އަންގާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ޓީމަކުން ވަނީ މިކަންކަމަށް ޖަވާބުދާރީ ވުމަށް، މި ހާރުގެ ސަރުކާރަށް ގޮވާލާފައެވެ. އެގޮތުން ހަސްފަތާލުތަކުގައި ބަލިމީހުންނަށް ފަރުވާނުދެވި އިހުމާލުވުމާއި މަރުވުމުން ހަށިތަކަށް ދޭންޖެހޭ އިހުތިރާމް ނުދެވެނީ ކީއްވެގެންކަން ސާފުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

"ކިހިނެއް މިވަނީ؟ މުމްބާއީ އާއި ޗެންނާއީގައި ޓެސްޓުތައް ދަނީ އިތުރަށް ކުރެވެމުން. އެކަމަކު ދިއްލީގައި ޓެސްޓު ކުރެވޭ މިންވަރު 7000 އިން 5000 އަށް ތިރިވެފައި. މިއީ ވަރަށްވެސް ދެރަ ކަމެއް. ބަލިމީހުން ރޯއިރުވެސް އެމީހުންނަށް އަޅާލާނެ އެކަކުވެސް ނާދޭ." ޓީމުން ބުނެފައިވެއެވެ.

ސްޕްރީމް ކޯޓުގެ ޓީމުން ބުނާގޮތުގައި، ކޮންމެ މީހަކު ޓެސްޓު ކުރަން އެދުނު ނަމަވެސް އެކަމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެއެވެ. ދިއްލީގެ އިތުރުން މަހަރަޝްތްރަ، ޓެމިލް ނާޑޫ އަދި ހުޅަނގު ބަންގާޅުގެ ހާލަތު ވެސް ވަރަށް ދެރައެވެ. މީގެ އިތުރުން ކޯވިޑް-19 ގެ ކޭސް ތައް ދިއްލީ، މުމްބާއީ، ޗެންނާއީ އަދި އަހްމަދްއާބާދުގައި ހަލުއިކަމާއެކު އިތުރުވަމުން ދާކަމަށާއި، ދުވާލަކު 10،000 މީހުން ބައްޔަށް ފައްސި ވަމުން އަންނަ ކަމަށް މި ޓީމުން ބުނެއެވެ.



"ނިކަން ބަލާލަބަލަ ހަސްފަތާލުތައް ހުރި ހާލަތު. މަރުވެފައިވާ ހަށިތައް ބަލިމީހުންގެ ވާޑު ތަކުގައި އެބަހުރި. މުމްބާއީގައި 16،000 އާއި 17،000 އާ ދެމެދުގެ އަދަދަކަށް ޓެސްޓު ކުރަމުން ދާއިރު ދިއްލީގައި ޓެސްޓު ކުރެވެނީ 7،000 އަށްވުރެއް މަދުން." ޓީމުން ބުނެފައިވެއެވެ.

ކޯވިޑް-19 ގައި މަރުވާމީހުންގެ އާއިލާތަކަށް ޖަނާޒާގައި ބައިވެރި ނުވެވުމާއި މަރުވާމީހުންގެ މައުލޫމާތު އާއިލާތަކަށް ފޯރުކޮށް ނުދޭކަންވެސް ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހހަ

16-Jun-2020

ނޫން އިންޑިޔާ ރަނގަޅުވާނެ. ވަރަށް މޮޅުވާނެ. އެވަރެއް ނެތް. އެއީ އަހަރެމެންގެ ވެރިން..ބަރާބަރު ވާނެ. މުސްލިމުންނާ ދެކޮޅެއްނުވާނެ



ޓްރެންޑިން