އެއްވެސް އަސާސެއް، މަޤުބޫލު އުޒުރެއް ނެތި، ޤައުމީ ސަލާމަތާބެހޭ ބިލު ބަލައިނުގަތުމަށް ރޫލިންގ ޕާޓީ (އެމް.ޑީ.ޕީ)ގެ އަޣުލަބިއްޔަތުން ނިންމުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ހަމަތަކާއި އަގުކުރާ ކަންކަމާ ނުހަނު ބީރައްޓެހި، ސަރުކާރާ ވާދަވެރި މެންބަރުންގެ އަޑު ކަނޑުވާލުމަށް ހިންގި ނާތަހުޒީބު އަމަލެއްކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން މިހެން ބުނެފައިވަނީ އެ ޕާޓީގެ ފަރާތުން މަޖިލީހަށް ހުށަހެޅި ޤައުމީ ސަލާމަތުގެ ބިލު ބަލައިނުގަތުމަށް އެމްޑީޕީން ނިންމުމުމާއި ގުޅިގެން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ރާއްޖޭގެ ޤައުމީ ސަލާމަތް ރައްކާތެރިކުރުމާއިއެކު ޤައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލޭފަދަ ކަންކަމާއި ނިރުބަވެރި ޙަމަލާތަކުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކޮށް، ނޭޝަނަލް އިންޓެލިގެންސް ހަރުދަނާ ކުރުމާއެކު ކުއްލި ނުރައްކަލުގެ ޙާލަތުގައި ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމު ކުރުމަށް އެހީތެރިވެދިނުމުގެ މަތިވެރި މަޤުޞަދުގައިކަމަށެވެ.

އެބިލުގައި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތް ދިފާޢުކޮށް ރައްކާތެރި ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމާއި، ޤައުމީ ސަލާމަތާބެހޭ ކައުންސިލާއި ނޭޝަނަލް އިންޓެލިޖެންސް ކޮމިޓީ އުފެއްދުމާއި، އެފަރާތްތަކުގެ ޒިންމާތަކާއި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާގުޅިގެން ކަންކަން ކުރާނެގޮތްތައް ހިމަނާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ 2016 ވަނަ އަހަރު ޤައުމީ ސަލާމަތާބެހޭ ބިލު ފަރުމާކުރަން ފެށީ ދިވެހިރާއްޖޭގެ ސިޔާސީ މާހައުލާއި މަލްޓިޕާޓީ ޑިމޮކްރަސީގެ ޅަފަތުގައި ކުރެވެމުންދިޔަ ތަޖުރިބާތަކަށް ރިޢާޔަތްކޮށްގެންކަމަށާއި ބިލު އެކުލަވާލައިފައިވާނީ އޭރު ރާއްޖޭގެ އަސްކަރިއްޔާގައި ތިއްބެވި ޤާނޫނީ ވަކީލުންގެ އިސްނެންގެވުމާއެކު، ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ޤައުމީ ސަލާމަތާބެހޭ ޤާނޫނުތައް ދިރާސާކޮށްގެންކަމަށެވެ. އަދި އެ ބިލަށް ދިވެހި ފުލުހުންގެ ލަފާ ހޯދައިފައިވާނެކަމަށާއި އޭގެ ފަހުން 2021 ވަނަ އަހަރު އެބިލު މުރާޖަޢާކޮށް ބިލަށް ބަދަލުގެނެސްފައިވާނީ ސަރުކާރުގެ މުއައްސަސާތަކަށް އިދާރީ ބޮޑެތި ބަދަލުތަކެއް ނުގެނެސް، ޤައުމީ ސަލާމަތާބެހޭ ކަންކަން ތަރުތީބު ކުރެވޭނެގޮތުގެމަތިންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ޤައުމީ ސަލާމަތާބެހޭ ބިލު ރާއްޖޭގެ އެއްވެސް ޤާނޫނަކާ ތަޢާރަޒެއް ނުވޭ. ބިލަށް ވާހަކަ ދެއްކެވި އެއްވެސް މެންބަރަކު ބިލުގައި މައްސަލައެއް ހުރިކަމަކަށް ފާހަގަ ކުރައްވާފައެއް ނުވޭ. ޤައުމީ ސަލާމަތާބެހޭ ބިލެއް ބޭނުންވާކަން ގިނަ މެންބަރުން ފާހަގަ ކުރައްވާފައިވޭ. ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާއަށްފަހު ބިލު ފާސްކުރިނަމަ ރާއްޖޭގެ ޤައުމީ ސަލާމަތް ދިފާޢުކޮށް ރައްކާތެރިކޮށް، ލާދީނީ ފިކުރާއި ހަރުކަށި ފިކުރުގެތެރެއިން ދިވެހިންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތް މަދު ކުރެވި، ބޭރު ޤައުމުތަކުގެ ސިޔާސީ، އިޤްތިޞާދީ، ޢަސްކަރީ ނުފޫޒުތަކުން ރައްކާތެރިވުމަށް މަގުފަހިކުރެވުނީހެވެ. އަދި ދިވެހިރާއްޖޭގެ ނޭޝަނަލް އިންޓެލިޖެންސް މިހާރަށްވުރެ ހަރުދަނާ ކުރެވުނީ" އާދަމް ޝަރީފްގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެކަންކަން އެހެން ހުރިނަމަވެސް، އެއްވެސް އަސާސެއް، މަޤުބޫލު އުޒުރެއް ނެތި، ޤައުމީ ސަލާމަތާބެހޭ ބިލު ބަލައިނުގަތުމަށް ރޫލިންގ ޕާޓީ (އެމް.ޑީ.ޕީ)ގެ އަޣުލަބިއްޔަތުން ނިންމުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ހަމަތަކާއި އަގުކުރާ ކަންކަމާ ނުހަނު ބީރައްޓެހި، ސަރުކާރާ ވާދަވެރި މެންބަރުންގެ އަޑު ކަނޑުވާލުމަށް ހިންގި ނާތަހުޒީބު އަމަލެއްކަމަށެވެ. އަދި ރޫލިންގ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރޝިޕަށް ގެނައި ބަދަލުތަކާއެކު، މިހާރަކަށް އައިސް ރައްޔިތުން ކަންބޮޑުވާ ބޮޑެތި މައްސަލަތައް ބަލައިނުގަންނަކަން ހިތާމައާއިއެކު ފާހަގަކުރާކަމަށާއި މިކަމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭކަމަށް އޭނާ ވިދާޅުވިއެވެ.

"ސުޕަރމެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ ޒިންމާދާރުގޮތެއް ނޫނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހަރުދަނާ ޚިޔާލުތަކަށް މަރުޙަބާ ކިޔާ މެންބަރުންނަށްވުމަށް ވުމަކީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އަދި ޤާނޫނުއަސާސީގެ ތިންވަނަ ބާބުން ލާޒިކުކުރާ ކަމެއްކަން ފާހަގަކުރަން" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޤައުމީ ސަލާމަތާބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ވާދަވެރި މެންބަރުންނާއި ރޫލިންގޕާޓީގެ ބައެއް މެންބަރުން ބިނާކުރަނިވި ވާހަކަފުޅުތަކެއް ދެއްކެވިކަން އުފަލާއެކު ފާހަގަކުރާކަމަށެވެ. ޚާއްޞަގޮތެއްގައި މި ބިލު ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދެއްވައި، ބަހުސްގެ މަރުހަލާ އެކަށީގެންވާގޮތެއްގައި ވިލަރެސްކޮށްދެއްވިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ޝުކުރު ދަންނަވާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު