ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްގެ ހާޒިރީއާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް ހައިތަމް ދޮގުކުރައްވައިފިއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްގެ ސަލާމުގެ މުއްދަތު ނިމޭ ތާރީހެއް މަޖިލީހުގެ އިދާރާއަށް އަންގާފައިނުވާކަމަށް ވިދާޅުވެފައެވެ.

"މެމްބަރު ހައިތަމްގެ ސަލާމުގެ ތާރީހު ނިމޭ ތާރީހެއް، ދުވަހެއް ވިދާޅުވެފައި ނުވާތީވެ، މަޖިލީހުގެ އިދާރާއިން އެކަން ސާފުކުރުމަށް އިއްޒަތްތެރި މެންބަރުގެ އަރިހުގައި ވާނީ ދަންނަވާފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް މިކަމާއި ގުޅިގެން ހައިތަމް ވިދާޅުވީ މަޖިލީހަށް ހާޒިރުވެފައިވާ ދުވަސް ސާފުކުރުމަށް މަޖިލީހުން ފޮނުވި އީމެއިލަށް ޖަވާބު ދީފައިވާކަމަށެވެ. އަދި ސަލާމުގައި ހުންނެވީ އޭނާއާއި ދަރިންގެ ސިއްހީ ސަބަބުތަކަށްޓަކައި ރާއްޖެއިން ބޭރުގައި ހުންނެވުމުންކަމަށް ހައިތަމް ވިދާޅުވިއެވެ. ހައިތަމް ވިދާޅުވީ އަންނަ ހަފްތާގައި މަޖިލީހަށް ހާޒިރުވާނޭކަން އަންގާފައިވާކަމަށެވެ.

ހައިތަމް ވަނީ މަޖިލީހަށް ޖަވާބު ދެއްވުމުންވެސް އޭނާގެ ވާހަކަ މަޖިލީހުގެ ރައީސް އެގޮތަށް މަޖިލީހުގެ ތަޅުމުގައި ދެއްކެވުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.



މަސް ދުވަހުގެ ޗުއްޓީއަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ ޖަލްސާތައް މިދިޔަމަހު ފެށިފަހުން ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ އަދަދު ވަރަށް ބޮޑަަށް ވަނީ ދަށްވެފައެވެ.



މަޖިލީހުގެ ހާޒިރީ ދައްކާގޮތުން މިއަދުވެސް 87 މެމްބަރުންގެ ތެރެއިން ޖަލްސާއަށް ވަޑައިގަތީ 31 މެމްބަރުންނެވެ. ފަސް މެންބަރުން ތިއްބެވީ ސަލާމުގައެވެ. ރަސްމީ ދަތުރުފުޅުތަކާ ގުޅިގެން ހާޒިރުނުވެވެނީ އެއް މެމްބަރަކު ހުންނެވިއިރު ބާކީ ތިބި މެމްބަރުން މަޖިލީހަށް ހާޒިރެއް ނުވެއެވެ.

މަޖިލީހުގެ މި ދައުރުގެ ގިނަ ޖަލްސާތަކުގައި ބައެއް ބިލްތަކަށް ބަހުސް ކުރައްވާނެ މެންބަރުން ނެތިގެން، ބައެއް މެންބަރުން ވަނީ ތަކުރާރުކޮށްވެސް ބަހުސްގައި ބައިވެރިވެވަޑައިގެންފައެވެ.

މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުވިޔަސް ބަރާބަރަށް 85 ހާހަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ. ކޮމިޓީ އެލަވަންސަށް 20 ހާސް ލިބޭނެއެވެ. އާޝިޔާންގެ ގައުމުތަކުން މުޅި އާއިލާއަށް ހިލޭ ބޭސް ފަރުވާވެސް ކުރެވޭނެ އެވެ. އަދި މަޖިލީހުގެ މެމްބަރުކަމުގެ ދައުރު ނިމުމުން މުސާރައާ އެއްވަރުގެ އިނާޔަތެއްވެސް ލިބޭނެއެވެ.

މިހުރިހާ އިނާޔަތްތަކެއް ލިބެމުންދާއިރުވެސް މަޖިލީހުގެ މެމްބަރުން ޖަލްސާއަށް ވަޑައިނުގަތުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު