އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލަ ބެލެން ނެތްކަމަށް ބާ ކައުންސިލުން ނިންމައިފިއެވެ.

ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލަ ބާ ކައުންސިލަށް ހުށައެޅީ ގާނޫނީ ވަކީލު އަހުމަދު ތާލިބެވެ. އޭނާ ހުށަހެޅި މައްސަލައިގައި އެދުނީ ދައުރުވަމުންދާ ވީޑިއޯ އާއި ގުޅިގެން ގާނޫނީ ވަކީލުންނާއި ދޭތެރޭ އަދި ބާ ކައުންސިލާއި ދޭތެރޭ އާންމުން ދެކޭ ގޮތް ބަދަލުވަމުންދާތީ އެ މައްސަލަ ބަލާ، ނާޒިމް ސައްތާރުގެ ވަކީލުގެ ކަމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްދިނުމަށެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ތާލިބު ވިދާޅުވީ މައްސަލަ ހުށަހެޅިތާ ދެ މަސް ފަހުން މިއަދު ބާ ކައުންސިލުން އެ މައްސަލަ ބެލެން ނެތް ކަމަށް ބުނެ އޭނާއަށް ޖަވާބު ދީފައިވާކަމަށެވެ. އަދި ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅޭނީ ގާނޫނީ ވަކީލަކާއި ހަވާލުކުރާ މަސައްކަތަކާއި ގުޅިގެން އަމަލުކުރާ ގޮތެއްގެ ސަބަބުންކަމަށްވެސް ބާ ކައުންސިލުން އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކަކީ ސުލޫކީ މައްސަލައެއް ބެލިދާނެ ފަދަ ޝަކުވާއެއްކަމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް ނުފެންނަކަމަށްވެސް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގީރާއެކު ނާޒިމް ސައްތާރު ކަމަށް ތުހުމަތުކުރެވޭ މީހަކު ފެންނަ ވީޑިއޯއެއްވެސް ވަނީ ލީކުވެފައެވެ. އަދި ނާޒިމާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އަލްމްގީރް ވަނީ ތަހުގީގުގައި އިއުތިރާފުވެފައެވެ. މި މައްސަލަ ސާބިތުވެ، އަލަމްގީރް މިހާރު ދަނީ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ.

ނަމަވެސް ނާޒިމް މި ކުށަށް އިންކާރުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު