ޑރ. މުޙައްމަދު ވަހީދު ހަސަން ވެރިކަމުގެ ހުވާ ކުރައްވަނީ
ޑރ. މުޙައްމަދު ވަހީދު ހަސަން ވެރިކަމުގެ ހުވާ ކުރައްވަނީ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ އިބްރާހީމް ޖައުފަރު، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ހަމަލާދިން ކަމަށް ބުނެ ދައްކަވަމުން ގެންދަވަނީ ހަޤީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި ހާދިސާ ހިނގިގޮތްކަމަށް އެނގިފައިވަނީ އުސްފަސްގަނޑު ސަރަޙައްދުގެ މަގުމަތިން ޖައުފަރު، ނުރުހުމުގެ ބަސްތަކަކުން އަދި “ބާޣީ” ގެ ނަމުން ޑރ. ވަހީދާއި މުޚާތަބުކުރީ ކަމަށެވެ. އެކަން ދިމާވެފައިވަނީ، އޭނާއާ ދިމާއަށް ޑރ. ވަހީދު ވަނަމަކުން ގޮވައި މުޚާތަބުކުރެއްވުމުން އުފެދުނު ޒުވާބެއްގެ ތެރެއިންް ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.

މިގޮތަށް ހަމައެކަނި ބަސްތަކަކުން މުޚާތަބުކޮށްފައިވާއިރު "ޖިސްމާނީ ޙަމަލާއެއް" ދީފިކަމަށް ދޭހަވާގޮތަށް ޑރ. ވަހީދު ޓްވީޓްކުރެއްވުމަކީ ޙަޤީޤަތް އޮޅުވާލެއްވުމުގެ ގޮތުން ކުރެއްވިކަމެއްކަމުގައި އެޕާޓީން ދެކޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

"ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކާ މުޚާޠަބުކޮށް އޭނާ ނުރުހުމުގެ ބަސްތަކެއް ރައްދުކުރެއްވުމުން، އެކަމަށްޓަކައި އޭނާގެ މައްޗަށް ޖިނާޢީ ތަޙްޤީޤު ހިންގައި، ދައުވާ ކޮށް، އަދަބު ދިނުމަށް ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކު ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވިކަމީ ޑޮކްޓަރ މުޙައްމަދު ވަހީދު ހަސަން މަނިކުގެ ލާއިންސާނިއްޔަތުކަމާއި، އަނިޔާވެރިކަމާއި، ގޮތެއްފޮތެއް ނެތްކަން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިން އަމަލެކެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ނައިބު ރައީސަކަށް ހުންނަވައިގެން، އެމަނިކުފާނުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު، ބަޣާވާތުގެ ވެރިކަން ދިފާޢުކުރެއްވުމަށްޓަކައި ރައްޔިތުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ދީފައިވާއިރު، އޭގެތެރެއިން ޖައުފަރަށް ވެސް ނުހަނު ބޮޑެތި ލާއިންސާނީ އަނިޔާތައް ކޮށްފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭނާއަށް ލިބުނު އަނިޔާތަކުގެ އަސަރުގައި މިހާރުވެސް ދޭތެރެ ދޭތެރެއިން ޝޮކްޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާކުރަންޖެހިފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ ފަހަރަށް ރައްޔިތުން އިންތިޚާބުކުރި ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ރައްޔިތުންނަށް ކުރި ލާއިންސާނީ އަނިޔާއާއި ދިވެހިރާއްޖެއަށް ދިން ބޮޑު ގެއްލުމަށް އިންސާފުލިބިފައިނުވާއިރު، އެއަނިޔާ ދިނުމުގެ މުގުލުގައި ތިއްބެވި ބޭފުޅުންނާމެދު ނުރުހުމުގެ ޝުޢޫރުތައް ރައްޔިތުން ފާޅުކުރަމުން ގެންދާނޭ ކަމީ ޑރ. ވަހީދު ވެސް ޤަބޫލުކުރައްވަންޖެހޭނޭ ޙަޤީޤަތް ކަމަށް އެމްޑީޕީގެ ބަޔާން ނިއްމާލަމުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން