ލާމަރުކަޒީ ނިޒާމަކީ ރައީސް ޞާލިޙް ވެރިކަންކުރަށްވާ ވައްޓަފާޅިއާއި ސްޓައިލް ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރައީސް ޞާލިޙް ވެރިކަންކުރަށްވާ ވައްޓަފާޅިއާއި ސްޓައިލް ކަމަށެވެ.

އެގޮތުން މިނިސްޓަރ އިމްރާން ވިދާޅުވީ ވެރިކަމެއް ހިންގުމުގައި އެންމެ މުހިންމު އެއްކަމަކީ މަޝްވަރާގެ އުސޫލުން ކަންކަން ކުރުން ކަމަށާއި، ރައީސް ޞާލިހުގެ ވެރިކަމުގައި މިހާތަނަށް ހޯދުނު ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއަކީ އެމަނިކުފާނު މަޝްވަރާއަށް ދެއްވި އިސްކަން ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ފައްކާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ވައުދެއްގެ ގޮތުގައި ވިދާޅުވި ބަސްފުޅެއް ނޫންކަމަށްވެސް އިމްރާން މިއަދު ވިދާޅުވިއެވެ. ރައީސް ޞާލިޙްގެ ވެރިކަމުގައި ފާއިތުވީ މުއްދަތުގައި މަރުކަޒީ ބާރުވެރިކަން ދޫކޮށް، ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަށްވާފައިވާކަމަށް އިމްރާން މިއަދު ވިދާޅުވިއެވެ.

"އެއީ މިޖަޒީރާ ރާއްޖޭގެ ވެރިކަން ހިންގަންޖެހޭނެކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތް. އެމަނިކުފާނުގެ ޕެޝަން. އެމަނިކުފާނު ވެރިކަން ކުރައްވާ ވައްޓަފާޅިއާއި ސްޓައިލް." އިމްރާން މިއަދު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ޞާލިޙް އަތޮޅުތަކަށް ފަތުރާލައްވާފައިވާ ލާމަރުކަޒީ ސިޔާސަތު އިންޗިއަކަށްވެސް ދެން ފަހަތަށް ޖެއްސުމަށް އެއްވެސް މީހަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

މިއަދުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙުވެސް ވަނީ، ރާއްޖޭގެ އިޖުތިމާޢީ އުފާފާގަތި ކަމަށް އެންމެ ބޮޑަށް ހުރަސް އެޅިފައިވާ ހަރުކަށި ފިކުރާ، ގޭންގް ކުށްތަކާ، މަސްތުވާތަކެތީގެ މައްސަލަ ތަކާމެދު ކޮންފަރެންސްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ކޮންފަރެންސްގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ މަޤްޞަދުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ތައްޔާރުކޮށްފައިވާ 7 ފޮތެއް ނެރެދެއްވާފައެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް މިފަހަރު ލ.ގަމުގައި ބޭއްވޭއިރު، މިކޮންފަރެންސްގައި، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބައިވެރިވެއެވެ.



ކިޔުންތެރިންގެ ހިޔާލު