އަވަހާރަވެފައިވާ އިނގިރޭސި ރާނީގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ސުކޫތެއް ގެނެސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ރިޔާސަތުން ހުށަހަޅާ ކަމެއްގެ ގޮތުން، އަވަހާރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބަތު 2ވަނައިގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް ގެނެސްފައެވެ.

އޭގެ އިތުރުން މަޖިލީހުގެ ރަސްމީ މަސައްކަތް ފެށުމުގެ ކުރިން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ވަނީ ރާނީ އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ތައުޒިޔާ އަރިސްކޮށްފައެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފުވަނީ ރަސްގެފާނު ޗާލްސްއާއި ޝާހީ އާއިލާއާއި ރައްޔިތުންނަށް ތައުޒިޔާ އަރިސްކޮށްފައެވެ.

ހަމައެއާއެކު ރައީސް ނަޝީދުވެސް މިއަދުވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރާނީއާއި ބައްދަލުވެ ދެކެވުނު ބައެއް ވާހަކަތަކުގެ ހަނދާން އައުކުރަށްވާފައެވެ.

އިނގިރޭސި ރާނީ 2 ވަނަ އަވަހާރަވެފައިވަނީ ސެޕްޓެމްބަރ 8 ވީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ރާނީގެ ޖަނާޒާ ބޭއްވުމަށް ނިންމާފައިވަނީ މިމަހު 19 ގައި އެވެ. ރާނީ އަވަހާރަވުމުން އިނގިރޭސި ރަސްކަލެއްގެ ގޮތުގައި ހަމަޖެހިގެން ގޮސްފައިވަނީ ދަރިކަލުން ކިންގް ޗާލްސް 3 ވަނަ އެވެ.



ކިޔުންތެރިންގެ ހިޔާލު