މޯލްޑިވިއަންގެ ފްލައިޓެއް؛ ކޯވިޑް-19 އާއި ގުޅިގެން އެކި ގައުމު ތަކުގައި ތިބި ދިވެހީން ގެނައުމަށް މޯލްޑިވިއަނުން ވަނީ ގިނަ ފްލައިޓްތަކެއް ބާއްވާފައި
މޯލްޑިވިއަންގެ ފްލައިޓެއް؛ ކޯވިޑް-19 އާއި ގުޅިގެން އެކި ގައުމު ތަކުގައި ތިބި ދިވެހީން ގެނައުމަށް މޯލްޑިވިއަނުން ވަނީ ގިނަ ފްލައިޓްތަކެއް ބާއްވާފައި
ރާއްޖެ އައުމަށް ނަންނޯޓު ކުރުމަށްފަހު، ފަހުވަގުތު ފޯނު ނުނަގާ މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައިި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޚާރިޖީ ވުޒާރާގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، އެންމެ ފަހުން ސްރީލަންކާއިން އައި ފްލައިޓުންވެސް ގާތްގަނޑަކަށް 360 ވަރަކަށް ބޭފުޅުން ނަން ނޯޓު ކުރެއްވި ކަމަށާއި، ނަމަވެސް ފްލައިޓުގައި ރާއްޖެ ވަޑައިގަތީ 262 ބޭފުޅުން ކަމަށެވެ. ފަހުވަގުތު ޖާގަ ކެންސަލް ކޮށްލެއްވުމުން ފްލައިޓްގައި ހުސްކޮށް ގާތްގަނޑަކަށް 37 ސީޓު ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، ޖާގަ ދޫކޮށްލެއްވުމަށް ބޭނުންފުޅުވާނަމަ ކުރީ ބައިގައި އެކަން ކުރެއްވުމަށް އެދޭ ކަމަށާއި، ރާއްޖޭ އަންނަން ބޭނުންފުޅުވާ އެހެން ބޭފުޅުންނަށް ފުރުސަތު އެރުވޭނީ އޭރުން ކަމަށެވެ. އަދި މީގެކުރިން ވެސް ކޮންމެވެސް ވަރަކަށް މިކަހަލަ ކަންކަން ދިމާވި ކަމަށާއި، ނަންނޯޓު ކުރަށްވާ ބޭފުޅުންވެސް ފޯނަށް ޖަވާބު ދެއްވުމަށް އޭނާ ވަނީ އެދިލައްވާފައެވެ.

"މި ލިބޭ ފުރުސަތުތަކުގައި ކޮންމެހެން ވަޑައިގަންނަވަން ޖެހޭ ބޭފުޅުން،އެ ފުރުސަތުގެ ބޭނުން ހިއްޕެވުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން. މިހެން މި ދެންނެވީ، ކޮންމެ ކޮންމެ ފަހަރަކު ފްލައިޓެއް ބޭއްވޭ ގޮތަކަށް ނޫން މި އޮންނަނީ. ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމާ އަދި ވައިގެ ދަތުރުފަތުރު ހުއްޓާލާފަ ވުމާއެކު، ލިބޭ ފުރުސަތުގެ ބޭނުން ހިއްޕަވައިގެން ވަޑައިނުގެންފިއްޔާ ދެން އަނެއްކާ ވަރަށް އެބަ ދަތިވޭ އިތުރު ފްލައިޓެއް ބާއްވަން، ނޫނީ ރޫޓެއް ހޯދަން،" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، މި މަހުގެ 15 ވަނަ ދުވަހާއި 17 ވަނަ ދުވަހު މެލޭޝިއާގައި ތިބި ދިވެހީންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް މޯލްޑިވިއަން އިން ދެ ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ ފްލައިޓުގައި މުޅި ޖުމްލަ 400 އެއްހާ މީހުން ގެނެވޭނެ ކަމަށާއި، އެ ފްލައިޓުތަކުގައި ރާއްޖެ އަންނަން 450 އެއްހާ މީހުން ނަން ނޯޓުކޮށްފައިވެއެވެ.

އެހެން ނަމަވެސް މާދަމާ ހަވީރު އެ ފްލައިޓު ރާއްޖެ އަންނައިރު، އިއްޔެ އިރުއޮއްސުމާ ހަމައަށް ފްލައިޓުން ޖާގަ ލިބުނު ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް ވިއްސަކަށް މީހުން އަދިވެސް ޓިކެޓު ނަގާފައި ނުވާކަމަށް މިއުވާން ވިދާޅުވިއެވެ. އަދި އެ ފްލައިޓުން އަންނަން ޖާގަ ލިބުނު މީހުންގެ ތެރެއިން ޚާރިޖީ ވުޒާރާއިން ނުވަތަ އެއާލައިނުން ގުޅުމުން 32 މީހަކު ފޯނު ނަގާފައި ނުވާކަމަށާއި، އަދި އެންމެ ފަހު ވަގުތު ދަތުރުކުރަން ބޭނުން ނޫން ކަމަށް ވެސް 58 މީހަކު އަންގާފައިވާ ކަމަށެވެ.

މިއުވާން މިރޭ ވިދާޅުވީ މިހާތަނަށް 14 ގައުމަކުން 2000 އާ ގާތްކުރާ އަދަދަކަށް ދިވެހިން ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 16 ވަނަ ދުވަހު އިންޑިއާގެ ބެންގަރޫލުން އަދި 17 ވަނަ ދުވަހު ދިއްލީ އިން ދިވެހިން ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓެއް ބާއްވަން މިހާރު ވަނީ ނިންމައިިފައެވެ. މިއުވާން ވިދާޅުވީ އިންޑިއާއިން ރާއްޖެ އަންނަން މިހާރުވެސް 150 މީހުން ރަޖިސްޓްރީކޮށްފައިިވާ ކަމަށާއި، އޭގެ ތެރެއިން 30 މީހުން ތިބީ ކެރެލާ ސްޓޭޓުގައި ކަމަށެވެ. އަދި ކެރެލާގައި ތިބި ދިވެހީން ގެންނަން މޯލްޑިވިއަންގެ ފްލައިޓެއް ބޭއްވުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މި މަހުގެ 16 ވަނަ ދުވަހު ރާއްޖޭގައި ތިބި ނޭޕާލް ރައްޔިތުން ބަލާ އަންނަ ހިމާލިއަން އެއާގެ ފްލައިޓުގައި އަށް ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ހަމައެއާއެކު ސައުދީ އަރަބިއްޔާ ރާއްޖެ އަންނަން 150 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓްރީކޮށްފައިވާއިިރު، ސައުދީ އެއާގެ ފްލައިޓެއް ރާއްޖެ ބާއްވަން ވަނީ ހަމަޖެހިފައެވެ. ނަމަވެސް ފްލައިޓު ބަޢްވާ ތާރީހު އަދި ފައިނަލް ކޮށްފައެއް ނުވެއެވެ.

ޕާކިސްތާނުގައި ތިބި ދިވެހީންނާއި ތައިލެންޑުގައި ތިބި ދިވެހީން ވެސް ރާއްޖެ އައުމަށް އަންނަނީ އެދެމުން ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި މި މަހުގެ 25 ވަނަ ދުވަހު ބާއްވާ މޯލްޑިވިއަންގެ ކާގޯ ފްލައިޓުން، އެގައުމުގައި ތިބި ބައެއް ދިވެހީންނަށް ޖާގަ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މިއުވާން އިތުރަށް ވިދާޅުވީ، މީގެކުރިން ރަޝިއާއިން ވެސް ދިވެހިން ގެނެސްފައިވީ ނަމަވެސް، އިތުރު 48 ކުއްޖަކު ރާއްޖެ އަންނަން އެދިފައިވާތީ އެކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން