ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީން ތާޢީދު ކުރާ ރިޔާސީ ކެންޑިޑޭޓެއް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަށްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ އަށް މިއަދު ހެނދުނު ދެއްވި އިންޓަވިއުއެއްގައި މާމިގިލީ ދާއިރާގެ މެންބަރުކަންވެސް ކުރަށްވާ ޤާސިމް ވިދާޅުވީ ޖޭޕީން ތާޢީދުކުރާ ރިޔާސީ ކެންޑިޑޭޓެއް ކޮންމެވެސް އެއްސިފައެއްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ކަމަށެވެ. އެއީ މިހާތަނަށް އަބަދުވެސް ޖޭޕީން ޤަބޫލުކުރަމުންއައި އަދި ޢަމަލުކުރަމުންދިޔަ އުސޫލުކަމަށް ޤާސިމް ވިދާޅުވިއެވެ.

"ކޮންމެވެސް އެއް ސިފައެއްގައި ހުންނާނެ ކެނޑިޑޭޓެއް. އެއީ އަޅުގަނޑުމެން އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވިޔަސް ނުވަތަ އަޅުގަނޑުމެންގެ ޕާޓީން އެހެން ބަޔަކާ ބައިވެރިވެގެން އެހެންބަޔަކު އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވިޔަސް އަޅުގަނޑުމެން ތާޢީދުކުރާ ރިޔާސީ ކެނޑިޑޭޓަކު ހުންނަވާނެ." ޤާސިމް މިއަދު ވިދާޅުވިއެވެ.

ރައީސް ޞާލިޙަކީ ޖުމްހޫރީ ޕާޓީންވެސް ވަރަށްބޮޑު ޤުރުބާނީއެއްވެގެން ވެރިކަމަށް ގެނައި ފަރާތެއްކަމަށް ޤާސިމް މިއަދު ވިދާޅުވިއެވެ. އަދި އެއީ އެވަގުތު ސިޔާސީ ދާއިރާގައި މަސައްކަތްކުރެއްވި އެންމެހާ ފަރާތްތަކުން ގުޅިގެން ކުރެވުނު ކާމިޔާބު މަސައްކަތެއް ކަމަށާއި ޚުދު ޤާސިމްގެ ޢާއިލާގެ އަމިއްލަ ބައިވެރިވުންވެސް އެކަމުގައި ވަރަށް ބޮޑުވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް މިއަދު ވިދާޅުވީ ސިޔާސީ މަސައްކަތް ކުރާއިރު އޭރެއްގައި އޮންނަ ވެރިކަމެއްގެ ތެރޭގައި މަސައްކަތްކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. ހަމައެއާއެކު ސިޔާސީ ޕާޓީތަކުގައި ވެރިކަން ކުރުމުގެ ވިސްނުން ނެތްނަމަ ވާދަވެރި ސިޔާސީ ނިޒާމެއް ނޯންނާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. ގާސިމް އިބްރާހިމް ވިދާޅުވީ 2023 އަށް ކޯލިޝަން ހެދުމަށް އަދި އެއްވެސް ބަޔަކު ޖުމްހޫރީ ޕާޓީއާއި މަޝްވަރާކޮށްފައިނުވާ ކަމަށެވެ.

ޤާސިމް ވިދާޅުވީ ވާދަވެރި ނިޒާމެއްގައި މަސައްކަތް ކުރުމުން ރައްޔިތުންނަށް ފައިދާހުރި އައު ވިސްނުންތަކެއް ގެނައުމަށް ސިޔާސީ ދާއިރާގައި މަސައްކަތްކުރަށްވާ ފަރާތްތަކަށް މަޖުބޫރުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު