ސިޔާސީ މަސައްކަތް "ސިޔާސީކޮށް" ކުރަށްވާނަމަ އެމަނިކުފާނު ހުންނަވާނީ ވެރިކަމުގައި ކަމަށާއި ނަމަވެސް އެމަނިކުފާނަކީ އިސްލާޙަށް މަސައްކަތްކުރާ މީހެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި މިއަދު ވާހަކަފުޅު ދައްކަވަމުން މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނަކީ އިސްލާޙަށް މަސައްކަތް ކުރަށްވާ ބޭފުޅެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން ކުރި ހޯއްދަވައިގެން ވެރިކަމަށް ވަޑައިގަންނަވަން ބޭނުންނުވާ އެތައް ސަބަބެއް ހުރި ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭގެ އިތުރުން ކޮންމެ ގޮތެއް ހަދައިގެން ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯދުމަކީ ކޮންމެހެން ބޭނުންވާ ކަމެއް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ. އެއަށްވުރެ މުހިންމީ އިސްލާހީ މަސައްކަތް ކުރުން ކަމަށާއި އެކަމަށްޓަކައި ހޯއްދަވަން ޖެހޭ ކޮންމެ މަޤާމެއްވެސް ހޯއްދެވުމަށް މަސައްކަތް ކުރަށްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން. އަޅުގަނޑަަކީ އިސްލާހަށް މަސައްކަތް ކުރާ މީހެއް. މިހާރުވެސް މި ކުރަނީ އިސްލާހަށް ކުރާ މަސައްކަތް. އަޅުގަނޑަކީ ސިޔާސީ މީހެއް ނަމަ މިހާރު ވެސް ހުންނާނީ ވެރިކަމުގައި." ގާސިމް ވިދާޅުވި އެވެ.

ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ލެގަސީއަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށެވެ. އެގޮތުން އެމަނިކުފާނަށް މިހާތަނަށް ލިބުނު އާމްދަނީގެ 60 ޕަސެންޓު ހަރަދު ކުރީ ގައުމަށާއި ދިވެހި ދަރިވަރުންނަށް ކިޔަވައި ދިނުމަށާއި ﷲ ގެ މަގުގައިކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ބާކީ 40 ޕަސެންޓަކީ ވިޔަފާރި އިންވެސްޓްމަންޓުތައް ކަމަށް ގާސިމް ވިދާޅުވި އެވެ.

ޤާސިމް ވިދާޅުވީ ޤައުމަށް ޚިދުމަތް ކުރެއްވުމުގައި އެމަނިކުފާނު ހުންނެވީ އުފަލުން ކަމަށާއި އެކަމުގައި ރިގްރެޓް ކުރާނެ ކަމެއްވެސް ނެތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު