ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިޤު (ޓޮމް)، މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދަށް ބަހުގެ ޙަމަލާތަކެއް ދެއްވައިފިއެވެ.

ޓޮމް، ސަޢީދަށް ނިސްބަތްކުރަށްވާ ވާހަކަދެއްކެވީ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައެވެ.

ޤާސިމްގެ އިސްލާޙާ ދެކޮޅަށް މާވަށު ދާއިރާގެ މެންބަރު ސައީދު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން ޠާރިޤު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކޮންމެ ދާއިރާއަކުންވެސް އިންތިޚާބުކުރަށްވާ ބޭފުޅަކީ އެދާއިރާގެ ވޯޓުފޮށްޓަށް ވޯޓުލެވޭ ބޭފުޅަކަށް ވާންޖެހޭނެ ކަމަށް ގަބޫލުކުރަށްވާ ކަމަށެވެ. އަދި މާދުރުން އަންނަ ބޭފުޅުން އިންތިޚާބު ކުރުމުން އެބޭފުޅުން މަސައްކަތް ކުރަށްވާނީ ކޮންޓްރެކްޓް އުސޫލުން ކަމަށް ޠާރިޤު ވިދާޅުވިއެވެ.

ދާއިރާއާ ގުޅުމެއްނެތް ބޭފުޅުންނަށް ރައްޔިތުންގެ އިހުސާސްތައް އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވަމުން ޠާރިޤު ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދަކީ އޭގެ މިސާލުތައް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މާވަށު ދާއިރާގެ ގޮނޑި ސަޢީދު ކާމިޔާބުކުރެއްވީ 22 މިލިއަން ރުފިޔާ ހަރަދުކުރައްވައިގެން ކަމަށް ޠާރިޤު ވިދާޅުވިއެވެ. އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ދަނގެތީ ދާއިރާއަށް އޭރު އިންތިހާބު ކުރި މެންބަރު ވަނީ އެހެން ޕާޓީއެއް އުފައްދައިގެން ވަޑައިގެންފައި ކަމަށް ޠާރިޤު ވިދާޅުވިއެވެ.

"މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިއްޔެ އަޅުގަނޑަށް ދެންނެވި އައިސް މި އިނީ ބާވީހަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކޮންޓްރެކްޓް އުސޫލުންނޭ." ޠާރިޤު ވިދާޅުވި އެވެ.

ޠާރިޤު ވިދާޅުވީ ބޮޑު ޚަރަދުކޮށްގެން މަޖިލީހަށް އިންތިޚާބުވާ މެންބަރުންގެ ކިބައިގައި ދާއިރާގެ ރައްޔިތުންނާ ދޭތެރޭ އަސަރެއް، ކުލުނެއް ނުހުންނަ ކަމަށެވެ. ޠާރިޤުގެ ވާހަކަފުޅާ ގުޅިގެން ސަޢީދު މިހާތަނަށް ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ.

ޠާރިޤު ސައީދާމެދު މިފަދަ އިބާރާތަކުން ވާހަކަ ދެއްކެވިއިރު އިދިކޮޅު ޕީޕީއެމް / ޕީއެންސީ ތެރޭގައި ރެނދުލައި މައްސަލަތަކެއް ފެންމަތިވަމުން ދާކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު