ވޮކޭޝަނަލް ޓްރެއިނިންގ އަދި ހުނަރު ކުރިއެރުވުމަކީ މި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން ވަނީ އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސް ބޭފުޅުން ވަނީ އެ އިންސްޓިޓިއުޓްގެ ވޮކޭޝަނަލް ޕްރޮގްރާމުގައި މިހާރު 450 ދަރިވަރުން ކިޔަވަމުންދާކަން ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު 150 ދަރިވަރުން މިހާރު ދަސްވެނިވުމަށް ތައްޔާރުވަމުންދާކަން އެބޭފުޅުން ފާހަގަކުރެއްވެވިއެވެ. އަދި ސުކޫލްތަކުގެ ޚާއްޞަ އެހީއަށްބޭނުންނާ ކުދިންނަށްވެސް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ފަރާތުން ވޮކޭޝަނަލް ޕްރޮގްރާމް ހިންގަމުންދާކަމުގައި އެބޭފުޅުން ފާހަގަކުރެއްވެވިއެވެ. މީގެއިތުރުން އެބޭފުޅުންވަނީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ޓެކްނޮލޮޖީގޮތުން ތަމްރީން ލިބިފައިވާ މީހުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނުވަނީ މިކަމުގައި އެކަޑެމިކްކޮށް ދަރިވަރުން އުނގެނުން މުހިންމުވާފަދައިން ހުނަރާއި ތަމްރީނު ދަސްކޮށްދިނުމަށް ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ.

ހަމައެއާއެކު އެމަނިކުފާނު ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ދޭ ޚިދުމަތުގެ މުހިންމުކަން ފާހަގަކުރައްވައި އެމަސައްކަތް އިތުރަށް ފުޅާކުރުމަށް ކުރެވެންހުރި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު