70 އަހަރުވީއިރު އދގެ އެންމެ އިސް މަގާމު އަންހެނަކު އަދާކޮށްފައި ނެތުމަކީ ލަދުވެތިކަމެއްކަމަށް ވިފާޅުވެ، ދެން އަންނަ ދައުރަކަށް އެ މަގާމަށް އަންހެނެއް އައްޔަންކުރަން އދގެ އާއްމު މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ މަޝްހޫރު ފޯބްސް މަޖައްލާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ފޯބްސްއާ ވާހަކަދައްކަވަމުން ޝާހިދު ވަނީ ނިމިގެންދިޔަ އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރެވުނު މަސައްކަތްޕުޅާއި އދގައި އަންހެން ލީޑަރުންގެ މަދުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ޝާހިދު ވިދާޅުވީ އދގައި ކަންކަން މަޝްވަރާކޮށް، ކަންކަން ނިންމުމުގައި އަންހެނުންގެ ބާރުވެރިކަން ކުޑަކަމަށެވެ. އެގޮތުން މިހަފްތާގައި ނިއުޔޯކްގައި ފަށައިގެން ކުރިއަށްދާ އދގެ އާއްމު މަޖިލީހުގައިވެސް ވާހަކަދައްކަވާ 198 ބޭފުޅުންގެ ތެރެއިން އަންހެނުންގެ އަދަދަކީ 14 ބޭފުޅުންކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ 70 އަހަރުވީއިރު އދގެ އެންމެ އިސް މަގާމު ކަމުގައިވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަންހެނަކު ފުރުއްވާފައި ނެތުމަކީ ލަދުވެތިވާންޖެހޭކަމެއްކަމަށެވެ.

"މަރުކަޒެއް ހިންގަން 70 އަހަރުވީއިރު އަންހެނަކު ނުލިބުމަކީ ލަދުވެތިކަމެއް. އެހެންކަމުން މިކަމުގައި ގޯހެއް އުޅޭކަން ޔަގީން" ޝާހިދު ވިދާޅުވިއެވެ.



ޝާހިދު ވިދާޅުވީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްގެ ދައުރު ހަމަވުމުން އަލަށް އިންތިހާބުކުރާ ސެކްރެޓަރީ ޖެނެރަލަކީ އަންހެން ބޭފުޅަކަށް ވާންޖެހޭކަމަށެވެ.

އދގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެނެއް އައްޔަންކުރަން މިނިސްޓަރ ޝާހިދު ގޮވާލައްވާފައިވާއިރު އެ މަގާމަށް ވާދަކުރައްވާނެކަން ބައެއް އަންހެން ބޭފުޅުން ވަނީ އިއުލާންކޮށްފައެވެ. އޭގެތެރޭގައި ބްރެޒިލްގެ ކުރީގެ ރައީސް އަދި އދގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރ މިޝޭލް ބެޗްލެޓް، އދގެ އާއްމު މަޖިލީހުގެ ކުރީގެ ރައީސް މާރިއާ އެސްޕިނޯސާ(އިކުއެޑޯ) އަދި ބާރބެޑޮސްގެ ކުރީގެ ބޮޑުވަޒީރު މިއާ މޮޓްލޭ ހިމެނިވަޑައިގަންނަވައެވެ.

އެންމެފަހުން ބޭއްވި އިންތިހާބު މިހާރުގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭޒް ކާމިޔާބު ކުރެއްވިއިރު އެމަނިކުފާނާ ދެކޮޅަށް ހަތް އަންހެން ކެނޑިޑޭޓުން ވާދަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ އަންހެން ބޭފުޅަކު ސެކްރެޓަރީ ޖެނެރަލަކަށް ގެނައުމަށް ކުރާ މަސައްކަތް ސެކިއުރިޓީ ކައުންސިލްގެ ދާއިމީ 5 ގައުމުތަކުގެ ތެރެއިން އެއްވެސް ގައުމަކުން ދެކޮޅު ނުހަދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު