އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ
އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ
ކޯވިޑް-19ގެ ސަބަބުން ވަގުތީގޮތުން ރަށަށް ބަދަލުވާ ދަރިވަރުންނަށް އެރަށެއްގެ ސްކޫލުގައި ކިޔެވުމުގެ ފުރުސަތުލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ ރޭ ވިދާޅުވީ މިހާލަތުގައި މާލޭގައި ތަޢުލީމު ޙާސިލުކުރާ ބައެއް ދަރިވަރުން ވަގުތީގޮތުން ރަށަށް ބަދަލުވެފައިވާތީ އެކުދިންގެ ކިޔެވުމުގެ ކަންކަން މެދުނުކެނޑޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމް ކުރަމުންދާކަމަށެވެ. އެގޮތުން ރަށަށް ގޮސްތިބި ކުދިންނަށް ސްކޫލްތައް ފެށުމުން، އެކުއްޖާ ކިޔަވަމުންދިޔަ ގްރޭޑްގައި ކިޔެވުމަށް ރަށު ސްކޫލުން ޖާގަލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިޙާލަތުގައި ދަރިވަރު ސްކޫލަށް ދިއުމަށް ކުރިންލީ ޔުނީފޯމްވެސް ބޭނުންކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެއެވެ. މީގެ އިތުރުން ޙާލަތު ރަނގަޅުވެ ދަރިވަރުން އަނބުރާ މާލެއަންނައިރު އެކުދިން ކިޔެވި ސްކޫލުގެ ޖާގަ ނުގެއްލޭނެކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެރަށެއްގެ ސުކޫލުން އެދަރިވަނުންނަށް ފުރުސަތު ލިބިގެންދާނެ. އަދި އެއީ ޓެމްޕަރަރީ މޫވްއެއް ކަމުގައިވިޔަސް، މާލޭގެ ސްކޫލުގެ ފުރުސަތު ގެއްލިގެން ނުދާނެ. އެދަރިވަރު އެރަށެއްގައި ހުންނަހާ ދުވަހެއްގައި އެރަށެެއްގެ ސްކޫލުން އެދަރިވަރަށް ތައުލީމް ލިބިގެންދާނެ. އެހެންވީމަ އަޅުގަނޑުމެން އެކަން އެންޝުއަރކޮށްދޭނަން." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ސުކޫލްތައް ހުޅުވަން ތައްޔާރީތައް ވަމުންދާއިރު ސުކޫލްތަކުން އަމަލު ކުރަންޖެހޭ ގައިޑްލައިން ވެސް ތައްޔާރު ކޮށްފައިވާ ކަމަށާއި ހުޅުވުމުގެ ކުރިން ކުރަންޖެހޭ ކަންކަމާއި، ސުކޫލް ހުޅުވުމަށްފަހު ކުރަންޖެހޭ ކަންކަން ވަރަށް ތަފްސީލްކޮށް އެ ގައިޑްލައިންގައި ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ބަލި ނެތް ރަށްރަށުގައި ހުރިހާ ގުރޭޑް ކްލާސްތަކަށް ކިޔަވައިދިން ނަމަވެސް މާލެ ސިޓީގެ ސުކޫލްތަކުގައި ކިޔަވައި ދޭނީ ގުރޭޑް 9، 10، 11 އަދި 12 އިގެ ދަރިވަރުންނަށް ކަމަށެވެ. މީގެ އިތުރުން މާލޭ ސިޓީގެ ތިން ރަށުގައި ކިޔަވައިދޭނީ އެއް ސެޝަނަކަށް ކަމަށްވެސް މިނިސްޓަރު ޑރ. ޢާއިޝަތު އަލީ ވިދާޅުވި އެވެ.

ކޯވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު އަންނަ ޖުލައި މަހުގެ 1ވަނަ ދުވަހު ސްކޫލްތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން