ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެ ކުންފުނިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ބްލޫ ރިޖް" ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި އެޕާޓްމަންޓްތަކުގެ ގުރުއަތުލުން ބާއްވައިފިއެވެ.

ސްޓެލްކޯއިން ބުނީ މިހާތަނަށް ނުވިކި ހުރީ 1+2 ގެ 16 ޔުނިޓާއި، 1 ބެޑްރޫމްގެ 17 ޔުނިޓްކަމަށެވެ.

މި ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 1 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވާ 75 ސްޓާފުން ތިބިއިރު 1+2 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވެފައިވަނީ 235 ސްޓާފުންކަމަށް ސްޓެލްކޯއިން ބުނެއެވެ.

ފްލެޓްތަކުގެ ގުރުއަތުލުން ރޭ ކުރިއަށްގެންގޮސްފައިވާއިރު، މި ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓެއް 25 ސެޕްޓެމްބަރ ގައި ވަނީ ސާރކިއުލާރއަކުން ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އާންމުކޮށްފައިކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ޝަރުތުހަމަވާ ހުރިހާ މުވައްޒަފުންނަށް ދައުވަތު ދެވިގެން، އެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ ބަދަލުގައި ކަނޑައެޅި ފަރާތަކުން ހާޒިރުވެ، އެމުވައްޒަފެއްގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު އަމިއްލައަށް ފޮއްޓަށް އަޅައިގެންކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

މީގެއިތުރުން އެކި ސަބަބުތަކާއިހުރެ ހާޒިރު ނުވެވުނު މުވައްޒަފުންގެ ނަންކޮޅުތައް ފޮއްޓަށްލާފައިވަނީ ގުރުއަތަށް ހާޒިރުވި، ހުރިހާ މުވައްޒަފުންގެ ކުރިމަތީގައި ހައުސިން ކޮމިޓީންނެވެ.

ސްޓެލްކޯއިން ބުނީ ދެ ކެޓަގަރީއަށްވެސް ވަކިވަކިން ގުރުއަތު ނަގާފައިވާއިރު، ހޮވުނު ފަރާތްތަކުގެ އިތުރުން، އެ ފަރާތްތަކަށް ލިބޭ ޔުނިޓްވެސް ނަގާފައިވަނީ ގުރުއަތުންކަމަށެވެ. އަދި، ކޮންމެ ކެޓަގަރީއަކުންވެސް އިތުރު 15 ސްޓާފެއްގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައި ވަނީ ނަގާފައެވެ. ސްޓެލްކޯއިން ބުނީ މި ފަރާތްތަކަށް ފުރުސަތު ދެވިގެންދާނީ ރޭ ގުރުއަތުން ހޮވުނު އެއްވެސް ފަރާތަކުން، އެއްވެސް ސަބަބަކާހުރެ، ލިބިފައިވާ ޔުނިޓް ދޫކޮށްލާކަމުގައިވާނަމަ، ވެއިޓިން ލިސްޓަށް ހޮވުނު ތަރުތީބުންކަމަަށެވެ.

މި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، މިރޭ މިއީ އެއްބަޔަކަށް އުފާވެރި ރެއެއްކަމަށާއި، އަނެއްބަޔަކަށް އުފާވެރިނުވިނަމަވެސް ހިތްހަމަޖެހުމެއް ލިބިގެންދާނެ ރެއެއްކަމަށެވެ. އަދި އެ ހިތްހަމަ ޖެހުން ލިބެނީ ދެފުއްފެންނަ، އެއްވެސް އޮޅުވާލުމެއްނެތި އެންމެންގެ ކުރިމަތީގައި ގުރުއަތު ނެގިގެންދާތީކަން މެނޭޖިންގ ޑިރެކްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.



"ބްލޫ ރިޖް"ގައި ދެ ޓަވަރުގައި ޖުމްލަ 360 އެޕާޓްމަންޓް ހިމެނެއެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން