ކުރީގެ އިސް މެޖިސްޓްރޭޓެއްގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓް އަޙްމަދު ސަޢީދު ޢަލީ އެ މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި ރިޝްވަތުނަގާކަމަށް ބުނާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙްޤީޤު ކުރަމުންދަނިކޮށް، އަލްއުސްތާޛު އަޙްމަދު ސަޢީދު ޢަލީ ވަނީ 2022 ސެޕްޓެންބަރު 06 ގައި ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދީފައި ކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން އެކޮމިޝަނުން ބެލުމުގެ އިޙްތިޞާޞް ލިބިފައިވަނީ ފަނޑިޔާރެއްގެ މަޤާމުގައި ހުރި ފަރާތެއްގެ ސުލޫކާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައްކަމަށްވާތީ، އަލްއުސްތާޛު އަޙްމަދު ސަޢީދު ޢަލީ އަކީ، މިހާރު ފަނޑިޔާރުކަމުގައި ހުރި ފަރާތަކަށް ނުވުމުން، އޭނާއާ ގުޅޭގޮތުން ކޮމިޝަނުން ތަޙުޤީޤު ކުރަމުންދިޔަ މައްސަލައިގެ ތަޙްޤީޤު އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. އަދި މައްސަލައިގެ ތަޙްޤީޤު ހުއްޓާލާ މައްސަލަ ފައިލްކުރަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން ބުނީ މިމައްސަލަ އެކޮމިޝަންގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ފެންނަކަމަށް 2022 ސެޕްޓެންބަރު 25 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 66 ވަނަ ޖަލްސާއިން މިހާރު ނިންމާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން