ޞިއްޙީ ޚިދުމަތް ކުރިއެރުވުމުގައި ސަރުކާރުން އާބާދީގެ ކުޑަބޮޑުމިނަށް ނުބައްލަވާނެ ކަމަށް ހެލްތް މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބ. ދަރަވަންދޫ ޞިއްހީ މަރުކަޒުގައި ޤާއިމް ކުރި އަވަސް ފަރުވާދޭ ޔުނިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، ސިއްހީ ޚިދުމަތް ކުރިއެރުވުމުގައި ސަރުކާރުން އާބާދީގެ ކުޑަބޮޑުމިނަށް ނުބައްލަވާނެކަމަށެވެ. ނަސީމް ވިދާޅުވީ އަތޮޅުތެރޭގެ ސިއްޙީ ނިޒާމް ކުރިއަރައި ދާންވާނީ ހަމައެކަނި ސިޔާސީ ގޮތުން ކުރިމަތިވާ ކުރިމަތިވުންތަކާ އެކުގައި ނޫންކަމަށާއި، ސިއްޙީ ޚިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ މުހިންމު ޚިދުމަތެއްކަމަށެވެ.

ސިއްޙީ ޚިދުމަތަކީ އަބަދުވެސް ފުޅާކުރަން ޖެހޭ ޚިދުމަތެއްކަން ފާހަގަކުރަށްވަމުން ނަސީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް އެންމެ އިސްކަމެއް ދެއްވާ އެއްދާއިރާ އަކީ ސިއްޙީ ދާއިރާކަމަށެވެ. މިނިސްޓަރ ނަސީމް ވިދާޅުވީ އިންޑިއާ ސަރުކާރާ ގުޅިގެން ދަރަވަންދޫގައި ޤާއިމްކުރި އަވަސް ފަރުވާދޭ ޔުނިޓްގެ ސަބަބުން އެތައް ފައިދާތަކެއް އަތޮޅުގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށްވެސް ކުރާނެކަމަށެވެ.

ދަރަވަންދޫގައި ޤާއިމުކުރި އަވަސް ފަރުވާދޭ މިޔުނިޓުގައި އަވަސް ފަރުވާދިނުމަށް ޚާއްސަ ވޯޑަކާއެކު އިމަރޖެންސީ ހާލަތުގައި ފަރުވާދިނުމަށް 10 އެނދު ހުރެއެވެ. އަދި ބަލިމީހުން ބަލާނެ ކޮޓަރިއަކާއި، ނާސިން ސްޓޭޝަނެއްވެސް ހުރެއެވެ. ދެ ފަންގިފިލާއަށް ޢިމާރާތް ކޮށްފައިވާ މި ޢިމާރާތުގައި މީޓިން ބޭއްވުމަށް 2 މީޓިން ރޫމްވެސްވަނީ ޤާއިމްކޮށްފައެވެ.

ކަރަންޓް ބޭނުންކުރުމަށް މިއިމާރާތުގެ ފުރާޅުގައިވަނީ ސޯލާ ޕެނަލް ހަރުކޮށްފައެވެ. ދަރަވަންދޫ ސިއްޙީ މަރުކަޒުން ބުނީ، މިސޯލާ ޕެނަލުން 20ކިލޯ ވޮޓްގެ ކަރަންޓް އުފެއްދޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން