މި ހިނގާ އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ 16 މަޝްރޫއެއް ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މި ސަރުކާރުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހާމަ ކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ބޯހިޔާވަހިކަމުގެ 7 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރުވެސް އެބަ ކުރިއަށް ދާކަމަށާއި، އަދި ކޮންޓްރެކްޓް ހަވާލުކޮށް މަސައްކަތް ފެށުމުގެ މަރުހަލާގައި 8 މަޝްރޫއެއް އެބަ އޮތް ކަމަށެވެ. މީގެ އިތުރުން އެކި މަރުހަލާގައި ހުރި މަޝްރޫއުތަކާއެކު ބޯހިޔާވަހިކަމުގެ ޖުމުލަ 16 މަޝްރޫއެއް އެކި މަރުހަލާގައި މި އަހަރު ތެރޭ ކުރިއަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ކުޅުދުއްފުށި، ނޮޅިވަރަމްފަރު، ތުޅާދޫ، ވިލުފުށި، ތިމަރަފުށި އަދި ކޮޅުފުށީގައި މިވަގުތުވެސް ހައުސިން މަޝްރޫއުތައް ކުރިއަށް ދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިއުވާން ވިދާޅުވީ، ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ތަފާތު އެކި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން، ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ދިމާވާ ދަތިތަކާއި، މަސައްކަތް ކުރުމުގެ އަގުތަކަށް އައި ބަދަލުތަކުގެ ސަބަބުން ބައެއް މަޝްރޫއުތަކުގެ ޓައިމްލައިންތަކަށް ބަދަލުތަކެއް އަންނަ ކަމަށާއި، ނަމަވެސް، ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތައް ނިންމުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާނެކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން