މި އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ހޯރަފުށީ މަގުތަކުގައި ތާރުއަޅައި ނިންމާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ، ހޯރަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށްޓަކައި މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމާއި އެމްޓީސީސީގެ ސިއީއޯ އާދަމް އާޒިމްގެ އިތުރުން އެ ރަށު ކައުންސިލްގެ އިސް ބޭފުޅުންނެވެ.

ހޯރަފުށީގައި، އެމްޓީސީސީން ކުރިއަށް ގެންދާ ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި އާޒިމް ވިދާޅުވީ، ހޯރަފުށީގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި މަގުހެދުން ކުރިއަށްދާކަމަށެވެ.

އޭނާ ވިދާޅުވީ، ކޮވިޑްގެ ވަގުތުގައިވެސް، ދިވެހިރާއްޖެއަކީ ހިނގަހިނގައި ހުރި ގައުމެއްކަން ދައްކުވައިދިނީ ހޯރަފުށީ ރައްޔިތުން ކަމަށާއި، ކޮވިޑްގެ ހާލަތުގައި ރައީސް ޞާލިޙުގެ ސަރުކާރު ހިނގާކަން ދައްކައިދިނީ ހޯރަފުށީ ރައްޔިތުންކަމަށެވެ.

ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއްގައި، 5,303 މީޓަރު ދިގުމިނުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 11,113.80 އަކަމީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއާ ހަވާލުކުރެވުނު 71.90 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 470 ދުވަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން