މަޖިލިސް ޖަލްސާއެއް ހިނގަމުން ދަނީ
މަޖިލިސް ޖަލްސާއެއް ހިނގަމުން ދަނީ
ސަލާމަތީ ބާރުތައް އެއީ ގައުމުގެ ފަޚުރު ކަމަށް ހެދޭނީ ސިޔާސީ މީހުން ތަސައްރަފު ފުދިގެން ކަމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ، ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ކަން ކުރެެއްވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ، ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަލާމަތީ ބާރުތައް އެއީ ގައުމުގެ ފަޚުރު ކަމަށް ހެދޭނީ ސިޔާސީ މީހުން ތަސައްރަފު ފުދިގެން ކަމަށެވެ. ސިޔާސީ މީހުން ސަލާމަތީ ޚިދުމަތްތަކުގެ ދުޝްމަނުންނަށްވެ ފުރައްސާރަ ކުރާ ހިސާބުން ވަރަށް ނިކަމެތި ހާލަތަކަށް ގައުމު ވެއްޓިގެންދާނެ ކަމަށް ދީދީ ވިދާޅުވިއެވެ.

"ފުރައްސާރަ ނުކޮށް އަޅުގަނޑުމެންގެ ސަލާމަތީ ޚިދުމަތްތައް ރައްޔިތުންނަށް ފެންނަ ގޮތަށް ބަދަލުކުރަން އެންގުމަކީ ސިޔާސީ މީހުންނަށް ކަމެއް ކުރެވުނު ކަމަށްވާނީ." ނޮވެމްބަރ 3 ގައި ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަަލާ އިން ރާއްޖެ ދިފާއު ކުރުމަށް އިސްދައުރެއް އަދާކުރައްވައި ނޮވެމްބަރ 3 ގެ މެޑަލް ހާސިލް ކުރައްވާފައިވާ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ، ވިދާޅުވިއެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުންވަނީ ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާވެރިވުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް ކަމަށް ވިދާޅުވެ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ފުލުހުންގެ ޔުނިފޯމު ބަދަލުކޮށް ކާކީ ކުލައިގެ ސޯޓުބުރިއަކާއި ދިގު އިސްޓާކީނު ލައްވައި ދަނޑިބުރިއެއް ދީފައި ފުލުހުން މަގުމައްޗަށް ނެރުމަށް މަޖިލިހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު (ބޯދިގު) ވަނީ ގޮވާލައްވާފައެވެ. އެކަމާ ގުޅިގެން ބައެއް ފުލުހުންނާއި އާންމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް މެމްބަރުންނަށް ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން