ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ހެއްކާބެހޭ ޤާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

ރައީސް އޮފީހަށް މި ބިލު ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަޞްދަރު ހާމަކުރުމަށް ލާޒިމުކުރާ ޙާލަތްތައް މިހާރު އެ ޤާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުންކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުން ބުނީ އެ ބިލުން ބުނެވިދިޔަ ޤާނޫނަށް ގެނައުމަށް ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި، ޤާނޫނުގެ 136 ވަނަ މާއްދާގައި، ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަޞްދަރު ހާމަކުރުމަށް ލާޒިމުކުރާ ޙާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ޤާނޫނުގައި މާނަކޮށްދިނުން ހިމެނެއެވެ.

އޭޖީ އޮފީހުން ބުނީ ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަޞްދަރު ހާމަކުރަން ލާޒިމުކުރެވޭނީ، ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް، ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުމަށާއި، އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުގައި ކަނޑައެޅުމަށްވެސް ހުށަހަޅާފައި ކަމަށެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން ހެއްކާއިބެހޭ ގާނޫނު އިސްލާހުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ އެންމެފަހުން ބޭއްވި ބްރޯޑްކާސްޓިން އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައެވެ.

ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނީ ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތުން ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތަށް ނުރައްކާވާ ކުށްތައް ބަޔާންކޮށްދީފައި ނުވާއިރު، އެފަދަ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަކަށް ނޫސްވެރިންނަށް މަޖުބޫރު ކުރެވިދާނެތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން