މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ވޯލްޑްބޭންކް ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑް- 19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީގެ ޕްރޮގްރާމްއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ މަޤްޞަދަކީ ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ތަމްރީންގެ އެހީ ފޯރުކޮށްދިނުން ކަމަށެވެ.

މިއެހީއަށް ޝަރުތު ހަމަވާނީ 1 ޖުލައި 2022 އާއި ހަމައަށް މަދުވެގެން 6 މަސް ދުވަހުގެ މުއްދަތަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތަކާއި، އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ 4 ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ ފަރާތަކަށް ނުވާ ފަރާތްތަކެވެ. ނުވަތަ، ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ އެހީގެ ޕްރޮގްރާމްގައި އެޕްލިކޭޝަންލުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ ކާބޯތަކެތި އުފެއްދުމާއި އަތްތެރި މަސައްކަތާއި ބިއުޓީ އަދި މޭކަޕް ކުރުމާއި ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީއާއި ފެހުމާއި ޓެކްސްޓައިލްސް ގެ މަސައްކަތާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އާއި ކްރިއޭޓިވް އާރޓްސް އަދި މިއުޒިކާއި ކުޅިވަރާއި ފިޓްނަސް އެވެ.

އިކޮނޮމިކް މިނިސްޓްރީންބުނީ މި އެހީއަށް ޝަރުތު ހަމަވާ ފަރާތްތަކަށް 60,000 ރުފިޔާއާ ހަމައަށްވާ ފައިސާގެ އަދަދެއް ގްރާންޓުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއެހީ ލިބުމުގެ ޝަރުތެއްގެ ގޮތުން މިނިސްޓްރީގެ ފަރާތުން ދޭ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރުން ލާޒިމް ކޮށްފައިވެއެވެ. މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހުޅުވާލާފައިވާ 500 ފުރުސަތުގެ ތެރެއިން 40 އިންސައްތަ ޚާްއްސަކޮށްފައިވަނީ އަންހެނުންނަށެވެ.

މި އެހީއަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅާނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން