އިންޑިއާގެ ކުންފުންޏަކުން އުފައްދާ ކޯފް ސިރަޕްތަކެއް ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ އިންޑިއާގެ ހަރިޔާނާ ސްޓޭޓުގައި ހުންނަ މެއިޑެން ފާމަސޫޓިކަލްސް ލިމިޓެޑުން އުފައްދާ ކޯފް ސިރަޕު ތަޣައްޔަރު ވެފައިވާކަމަށް ގެންބިޔާއިން ވޯލްޑް ހެލްތު އޯގަނައިޒޭޝަނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި އެކަން ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން އެލާޓް ކޮށްފައިވާކަމަށްވެސް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭ އިން ބުނީ އެބޭސްތަކުގެ ބެޗްތަކުގެ ރައްކާތެރިކަން ކަށަވަރުނުވާތީ އެ ބޭސްތަކުގެ އެ ބެޗްތައް ބޭނުން ނުކުރުމަށް ޑަބްލިއުއެޗްއޯގެ އެލާޓްގައި ބުނެފައިވާ ކަމަށެވެ. ތަޣައްޔަރުވެފައިވާކަމަށް އެލަރޓް ކޮށްފައިވާ ބޭސްތަކަކީ ޕްރޮމެތަޒީން އޯރަލް ސޮލިއުޝަންއާއި، ކޮފެކްސްމަލިން ބޭބީ ކޯފް ސިރަޕާއި، މަކޮފް ބޭބީ ކޯފް ސިރަޕުގެ އިތުރުން މެގްރިޕް އެންޑް ކޯލްޑް ސިރަޕް ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އަދި އެ ބޭހަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހެއްނޫން ނަމަވެސް، ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް އެ ބޭސް އިމްޕޯޓްވުމުގެ ފުރުސަތު އޮތް ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެފްޑީއޭ އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން