އަވަހަށް ހަނގުރާމަ ހުއްޓާނުލައިފިއްޔާ ޣައްޒާއިން ބޭރަށް ޕޯލިއޯ ފެތުރިގެން ގޮސްދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

އިސްރާއީލާއިން ޣައްޒާއާއި ދެމެދު ކުރަމުންދާ ވަރުގަދަ ހަނގުރާމަ ހުއްޓާނުލުމަކީ ޣައްޒާގައި ޕޯލިއޯއާ ދެކޮޅަށް ކުރާ މަސައްކަތަށް ހުރަސްއެޅޭ ކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފަ އެވެ. އެ ޖަމިއްޔާ އިން ބުނީ މި ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އަނިޔާވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި ޣައްޒާއިން ފޯލިއޯ ފެނުނު ފަހުން އެއާ ދެކޮޅަށް ކެމްޕޭންތައް ހިންގުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް އެގައުމުގައި ކުރިއަށްދާ ހަނގުރާމައަކީ އެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.

ޖުލައި 30 ވަނަ ދުވަހު ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ފަލަސްތީނުގެ ސަރަހައްދަކީ "ޕޯލިއޯ އެޕިޑެމިކް ޒޯނެއް" ކަމަށް ކަނޑައަޅާފަ އެވެ. އެ މިނިސްޓްރީން ބުނީ އެގައުމުގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސަރަހައްދުންނާއި މެދުތެރޭގެ ސަރަހައްދުތަކުން ނަގާފައިވާ ސާމްޕަލްތަކުން ވައިރަސްގެ ސީޕީވީ2 ސްޓްރޭން ފެނިފައިވާ ކަމަށެވެ.

ގައިންގަޔަށް އަރާ މި ބަލީގެ ނުރައްކާ އެންމެ ބޮޑަށް ޖެހެނީ ފަސް އަހަރުން ދަށުގެ ކުދިންނަށެވެ. ހާއްސަކޮށް ދެ އަހަރުން ދަށުގެ ތުއްތު ކުދިންނަށް މި ބަލި ޖެހޭ މިންވަރު އިތުރު ކަމަށް ވާއިރު މި ބައްޔަށް ވެކްސިން ދިނުމުގެ ކެމްޕޭންތަކަށް ހަނގުރާމައިގެ ސަބަބުން ބުރޫ އަރާފައިވާކަން ފާހަގަ ކުރެވެ އެވެ.

ބުދަ ދުވަހު ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ވަނީ ޣައްޒާއަށް އެއް މިލިއަނަށް ވުރެ ގިނަ ޕޯލިއޯ ވެކްސިން ފޮނުވާނެ ކަމަށް އޭއެފްޕީގެ ނޫސް އެޖެންސީގައި ވިދާޅުވެފަ އެވެ.

އިސްރާއީލުން ވަނީ އިންސާނީ އެހީދޭ ޖަމާއަތްތަކަށް ޣައްޒާއަށް ވަނުން ހަނިކޮށްފައެވެ. އަދި އިސްރާއީލުގެ ސިފައިން ވަނީ އެހީގެ ތަކެތި ހިފައިގެން ޣައްޒާއަށް ދިޔަ އެތައް ލޮރީއަކަށް ހަމަލާދީ ބޮން އަޅާފައެވެ. މި ހަމަލާތަކުގައި އެހީދޭ އެތައް ބަޔަކު މަރުވެފައިވާކަން ފާހަގަ ކުރެވެ އެވެ.

މީގެ އިތުރުން އިސްރާއީލުގެ ނިރުބަވެރި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ގިނަ ހޮސްޕިޓަލްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ގެތަކަށް ހުއްޓުމެއްނެތި ބޮން އަޅައި އެމީހުން މަރަމުންދާއިރު އޭގެ ތެރެއިން ދިރިތިބި ބައެއް މީހުން ވަނީ އަމާންކަން ހޯދުމަށް އެކި ހިސާބުތަކަށް ހިޖުރަކޮށްފައެވެ. އޭގެ ސަބަބުން ވެކްސިން ނުޖަހާ ކުދިން ހޯދުމާއި އެމީހުންނާ ހަމައަށް ވާސިލްވުމަށް އެހީދޭ ފަރާތްތަކަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިއްހީ ސާމާނު ނެތުމާއި، ފެން ސާފުތާހިރުކުރުމުގެ ޕްލާންޓްތައް އިސްރާއީލުން ނައްތާލުމުގެ ސަބަބުން ޣައްޒާގައި ބަލިތައް ފެތުރެމުންދާ މިންވަރު ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައި ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ.

ޣައްޒާއާއި ފަލަސްތީނާއި ދެމެދު ކުރެވެމުންދާ ހަނގުރާމަ އަދިވެސް ހުއްޓުމެއްނެތި ކުރިޔަށް ދާއިރު މިހާރު އެ ސަރަހައްދުގެ މަސްރަހު ކުރިޔަށްވުރެ ގޯސްވެފައިވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން