ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ފަތުރުވެރިކަން އަލުން ފަށާއިރު، މިހާރު ނަގަމުންދާ ޓެކްސްތަކާއި ފީތައް ފިޔަވައި، އިތުރު ޓެކްސްއެއް އަދި އިތުރު ފީއެއް ފަތުރުވެރިންގެ އަތުން ނުނެގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން އެކުލަވާލާފައިވާ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"އާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓަށް ތަޅުމުގައި ގިނަ އިސްލާހުތައް ގެނެސް މިއަދު ފާސްކޮށްފައިވަނީ 59 މެމްބަރުންގެ ވޯޓުންނެވެ. ކޯވިޑް-19ގެ ހާލަތާއެކު ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލާއިރު ރާއްޖެ އަންނަ ކޮންމެ ތުރުވެރިއެއްގެ އަތުން 8 ޑޮލަރު ނެގުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އަދި ބައެއް އިތުރު ފީތައް ނެގުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިނާ ގުޅޭގޮތުން ކޮމެޓީން ކޮށްފައިވާ ދިރާސާ މަޖިލީހަށް ހުށައެޅިއިރު ކޮމެޓީގެ ރިޕޯޓްގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" (އެމްއެސްޓީޖީ)ގެ ފުރަތަމަ ދެލިކޮޕީގެ ބަދަލުގައި މިހާރު މަޝްވަރާ ކުރެވެމުންދަނީ ތިންވަނަ ދެލިކޮޕީއާމެދު ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ. ކޮމެޓީން ފާސްކޮށްފައިވަނީ، އަލުން ފަތުރުވެރިކަން ހުޅުވާލުމަށް އެކުލަވާލާފައިވާ ގައިޑްލައިނާ ބެހޭގޮތުން އިގްތިޞާދީ ކޮމެޓީން ނިންމާފައިވާ ނިންމުންތަކަށް ވެސް ރިއާޔަތް ކުރުމަށްފަހުގައި ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ، ރާއްޖޭގެ އިގްތިޞާދު ވަރަށް ބޮޑަށް ހީނަރު ވެފައިވާ މިދަނޑިވަޅުގައި، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުން ޝައުގުވެރިކަން އިތުރުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ފަތުވެރިންގެ އަތުން ގިނަ ފީތަކެއް މިދަނޑިވަޅުގައި ނެގުމަކީ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކާރުނެ ކަމެއްކަމަށް ވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ ހިސާބުން ފެށިގެން އެ ފަތުރުވެރިޔާ ފުރުމާއި ހަމައަށް ޢަމަލުކުރާނެ އުސޫލުތައްވެސް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ގައިޑްލައިންގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކުން ޢަމަލުކުރާނެ ގޮތްތައް ގައިޑްލައިންގައި ވަނީ ކަނޑައަޅާފައެވެ. ސަރުކާރުން ވަނީ އަންނަ ޖުލައި މަހު ބޯޑަރު ހުޅުވާލާނެކަން އިއުލާނުކޮށް އެދުވަހުން ފެށިގެން ރާއްޖެއަށް ފަތުރުވެރިންނަށް އާދެވޭނެ ކަން ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން