ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ ގެ ފުރަތަމަ ބައްދަލުވުން
ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ ގެ ފުރަތަމަ ބައްދަލުވުން
ކޯވިޑް-19 އާއި ގުޅިގެން އިޤްތިޞާދީ ގޮތުން ދަޢުލަތަށް ލިބުނު ގެއްލުން ތަކުގެ ސަބަބުން އެއް ބިލިޔަން ރުފިޔާގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށް އަންނާނެކަމަށާއި މިކަންކަމުން އަރައިގަތުމަށް ބަޖެޓުގެ ޚަރަދުތަކާއި އާމްދަނީ އަލުން ދިރާސާކޮށް އެކުލަވާލަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ"ގެ ފުރަތަމަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ބައްޔާގުޅިގެން އިޤްތިޞާދީ ގޮތުން ލިބުނު ގެއްލުންތައް ދަޢުލަތުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި ޓާސްކްފޯސްގެ ބައްދަލު ވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓާސްކްފޯސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގެ މަޢުލޫމަތު ޓާސްކްފޯސްގެ މެންބަރުންނާ ހިއްސާ ކުރައްވާފައެވެ. ޓާސްކްފޯހުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް އަވަހަށް ރާއްޖޭގެ ބޯޑަރުތައްވެސް ހުޅުވާލައި ފަތުރުވެރިކަން ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ޓާސްކްފޯސްގައި ހިމެނޭ 3 ވަރކިންގ ގްރޫޕްކަމަށްވާ، ވާރކިންގް ގްރޫޕް އޮން ފައިނޭންސް، ވާރކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ސޯޝަލް ސެކްޓަރގެ ވާރކިންގް ގްރޫޕުން އެ ވާރކިންގ ގްރޫޕުތަކާއި ޙަވާލުވެފައިވާ ދާއިރާތަކުގެ ކަންކަން ކުރިޔަށްގެންދަން ރާވާފައިވާ ގޮތްތަކާއި ބެހޭ ޕްރެޒެންޓޭޝަންތައް ހުށަހެޅިއެވެ.

އެގޮތުން ހުށަހެޅި ޕްރެޒެންޓޭޝަންތަކުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ކޯވިޑާގުޅިގެން ދިމާވި ދަތިތަކާއެކު ބަޖެޓު ރިވައިސްކޮށް މާލީކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާއި، އިޤްތިޞާދު ނެގެހެއްޓުމާއި، އިޤްތިޞާދީ ކަންކަން ކުރިޔަށްގެންދިއުމުގައި އެންމެ މުހިންމުކަންދޭނެ ދާއިރާތަކާއި އަދި މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުންނާއި، ސޯޝަލް ސެކްޓަރުން ޞިއްޙީ ދާއިރާ ވަރުގަދަކުރުމާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީފޯރުކޮށްދިނުމާއި އަދި ސްކޫލުތައް ހުޅުވުމުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތައް ހިމެނެއެވެ.

މި ބައްދަލުވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޓާސްކްފޯސް އުފެއްދެވުމުގެ މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގައި ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިފައިވާ މަސައްކަތްތަކާއެކު މި ބައްޔާއި ކުރިމަތިލުމަށް ވަޞީލަތުގެ ގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް ޞިއްހީ ދާއިރާގެ ޤާބިލުކަން އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، މިހާރު ބައްޔާގުޅިގެން ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި ޓާސްކްފޯސްގެ މި ބައްދަލުވުމުގައި ޓާސްކްފޯސްގައި ހިމެނޭ 3 ވާރކިންގ ގްރޫޕުން ޙިއްޞާކުރި 3 ޕްރެޒެންޓޭޝަނުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމާ ބެހޭ ގައިޑުލައިންގެ ކަރުދާސް މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަހީދު ހުށަހެޅުއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑާއި ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ޓާސްކްފޯހުން ކުރަމުންދާ މި މަސައްކަތްތަކަކީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޕްރައިވެޓް ސެކްޓަރާ، ސިވިލް ސޮސައިޓީ، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ މަސައްކަތް ތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން ޓާސްކްފޯސްގެ މިއަދުގެ ބައްދަލުވުމުގައި 3 ވާރކިންގ ގުރޫޕުން ހުޅައެޅި ހުށަހެޅުންތަކާއި އަދި މިއަދު ހުށައެޅި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާ ބެހޭ ގައިޑްލައިނާ މެދު ދެން ބާއްވާ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެކަން ވެސް ވަނީ އިޢުލާނުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން