އިލެކްޝަން ކޮމިޝަން ރައީސް އާއި ބައެއް މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ތިން ސިޔާސީ ޕާޓީއަކަށް މިއަދު ވަނީ އެކޮމިޝަނުން ފިޔަވަޅު އަޅާފަ
އިލެކްޝަން ކޮމިޝަން ރައީސް އާއި ބައެއް މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ތިން ސިޔާސީ ޕާޓީއަކަށް މިއަދު ވަނީ އެކޮމިޝަނުން ފިޔަވަޅު އަޅާފަ
ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެގެން ތިން ސިޔާސީ ޕާޓީއަކާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަން، އީސީން މިއަދު ނިންމައިފި އެވެ.

އީސީން ފިޔަވަޅު އަޅަން ނިންމާފައި ވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އާއި، ދިވެހި ރައްޔިތުންގެ ޕާޓީ އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އަށެވެ. އިސީން ބުނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން އެ ޕާޓީ 50،000 ރުފިޔާ އިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޖޫރިމަނާ، ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން ވީއެންމެ އަވަހަކަށް ބޭއްވުމަށް އީސީން ވަނީ އެ ޕާޓީއަށް އަންގާފަ އެވެ. މީގެއިތުރުން ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްހީ ކުއްލި ހާލަތު އިއުލާނުކޮށްފައިވާ ޖުމުލަ ދުވަހުގެ މުއްދަތުކަމަށް ވެސް އީސީން ބުނެފައި ވެއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ދިވެހި ރައްޔިތުންގެ ޕާޓީން ތަކުރާރުކޮށް ސިޔާސީ ޕާޓީގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށެވެ. އެގޮތުން 2016 އަދި 2019 ގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައިނުވާ ކަމަށެވެ. ދެ ފަހަރެއްގެ މަތިން އެ ފައިސާ ކޮމިޝަނަށް ދެއްކުމަށް އެ ޕާޓީއަށް އެންގި ނަމަވެސް މިހާތަނަށް އެ ފައިސާ ދައްކާފައި ނުވާތީ އާއި ސިޔާސީ ޕާޓީގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް 2018 އަދި 2019 ވަނަ އަހަރުގެ އެ ޕާޓީގެ އަހަރީ ރިޕޯޓާއި އޯޑިޓް ރިޕޯޓްވެސް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ޕާޓީގެ އަސާސީ ގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ޖަލްސާ ވެސް ބާއްވާފައި ނުވާތީ އެ ކަންކަން އިސްލާހު ކުރުމަށް އެ ޕާޓީއަށް ކޮމިޝަނުން އަންގާފައިވާ ކަމަށް އީސީ އިން ހާމަކުރެއެވެ. އަދި ދިވެހި ރައްޔިތުންގެ ޕާޓީއަށް އެކި ފަހަރު މަތިން ނަސޭހަތާއި އިންޒާރު އަދި ފިޔަވަޅު އަޅާފައިވާތީ، އިތުރަށް އަޅަން ހުރި އެންމެ ފަހުގެ ފިޔަވަޅާބެހޭ ގޮތުން އެ ޕާޓީއާއެކު މަޝްވަރާކޮށް ބައްދަލުވުމެއް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށް އީސީން ބުނެފައިވެއެވެ. 

އީސީން އިތުރަށް ބުނެފައިވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްއާމެދު ފިޔަވަޅު އަޅަން ނިންމީ ސިޔާސީ ޕާޓީގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީއެވެ. އެގޮތުން ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން އެ ޕާޓީ 30،000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައި ކަމަށް ކޮމިޝަނުން ބުނެފައި ވެއެވެ.

އަދި އެ ފައިސާ ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން ވީ އެންމެ އަވަހަކަށް ބޭއްވުމަށް އެ ޕާޓީއަށް ވެސް އީސީން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން