ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރެވޭނީ މުޅިމުޖުތަމަޢު ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ތައްޔާރުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދުވަހެއް ފާހަގަ ކުރަން ފަށާފައިވަނީ މީގެ 30 އަހަރު ކުރިންނެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ މާރިޔާ ވިދާޅުވީ، ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރެވޭނީ ފަރުދީ އަދި މުޖުތަމަޢުގެ ފެންވަރުގައި އެކަމުގެ މުހިންމުކަން ދެނެގަނެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

އެގޮތުން މިވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއިން ދިވެހި ޤައުމަށް ދަސްވި އެންމެ ބޮޑު އެއްފިލާވަޅަކީ އުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ވެށީގެ ރައްކާތެރިކަން އެންމެ ފުރިހަމައަށް ޔަޤީން ކުރެވޭނީ ފަރުދީ ޒިންމާއެއް އެކަމުގައި އޮތްކަމަށް ދެނެގަނެ އެޒިންމާ އަދާކުރުމުންކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

"މިކަން ހާސިލުކުރުމުގައި މުޖުތަމަޢުގެ ކުދި ބޮޑު އެންމެންގެ އެއްބާރުލުމާއި ބައިވެރިވުން ލިބުމަކީ އަޅުގަނޑުމެން ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑި އަށް ވާސިލުވުމަށް ކޮށާލެވޭ މަގެކެވެ." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަކީ ބިންތިރި، ޤުދުރަތީ އަދި ވެށީގެ މަދު ވަޞީލަތްތަކެއްގެ މައްޗަށް އިޤްތިޞާދު ބިނާވެފައިވާ ޤައުމެއް ކަމަށާއި ދިވެހިންގެ ދިރިއުޅުން ބިނާވެފައިވަނީ ކަނޑުފަޅުންނާއި ވަށައިގެންވާ ވެށިން ލިބޭ މަންފާއަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޒަމާނުއްސުރެ ކުރަމުންއައި މަސްވެރިކަމާއި، މިހާރު އިޤްތިޞާދު އޭގެ މައްޗަށް ބަރޯސާވާ ފަތުރުވެރިކަމަކީ ކާރިސާތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ދެއިޤްތިޞާދީ ލޭނާރެވެ. މިދެ ހަރަކާތް ހުއްޓޭ ކޮންމެ ފަހަރަކީ ދިވެހި ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ހާލަތެކެވެ. އެހެންކަމުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް، ދުރާލާ ކާރިސާތަކަށް ތައްޔާރުކަން އިތުރުކުރެވިގެން މެނުވީ ވިލުންވެރި މުޖުތަމައަކަށް ވާސިލެއް ނުވެވޭނެއެވެ."މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ޚިތާބުގައި މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގެ ދަށުން ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ އުފައްދަވާ "ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު" މިނިވަންކަމާއެކު ތަންފީޒު ކުރުމުގެ ބާރު އެއޮތޯރިޓީއަށް ދީފައިވާކަމަށެވެ.

"ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ މަފްހޫމް ހުރިހާ ދާއިރާއެއްގެ އިޙްތިޞާސް ތަކުގެ ތެރޭގައި ހިމަނައި، ވިލުންވެރި ޖަޒީރާވަންތަ ދިރިއުޅުމެއް ކުރިއަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. މިގޮތުން، ތަރައްޤީގެ ރޮނގުން ހިންގޭ އެންމެހައި މަޝްރޫޢުތަކާއި އެކުލަވާލެވޭ ޕްލޭންތަކުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ހިމެނޭކަން ޔަޤީންކުރަންޖެހެއެވެ. މިއީ ވިލުންވެރި ރާއްޖެއެއް ބިނާކުރުމަށް އޮތް ހަމައެކަނި އުންމީދުގެ ހުޅުކޮޅެވެ. އެކަން އެގޮތަށް ނުކުރެވިއްޖެނަމަ ކާރިސާތަކުގެ ސަބަބުން ޤައުމަށާއި މުޖުތަމަޢުއަށް ލިބޭ ގެއްލުމުގެ ބުރައާއި ތަކުލީފު އުފުލަންޖެހޭނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނެވެ." މިނިސްޓަރގެ ޚިތާބު ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު