މަޝްރޫޢުތައް ކާމިޔާބުވާނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެންކަމަށް އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ނަފާ ނަސީމް މިމޭރުމުން ވިދާޅުވެފައިވަނީ، ސަރުކާރުން ރާއްޖޭގެ އަތޮޅުތަކުގައި އެޅުމަށް ނިންމާފައިވާ ހައުސިންގު ޔުނިޓުތަކުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނެވިދާނެކަން ސާފު ނުވާކަމަށް ވޯލްޑް ބޭންކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ވޯލްޑް ބެންކުގެ ރާއްޖޭގެ ޑިވަލޮޕްމަންޓް އަޕްޑޭޓް ރިޕޯޓްގައިވާ ގޮތުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްގައި މީހުން ދިރިއުޅެމުންދާ 37 އިންސައްތަ ފްލެޓުން ކުއްޔެއް ނުދައްކައެވެ. އެކަމާ ގުޅިގެން ނަސީމް ވިދާޅުވީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން މެނުވީ މަޝްރޫޢުތައް ކާމިޔާބު ނުވާނެ ކަމަށެވެ.

ނަސީމް އިތުރަށް ވިދާޅުވީ ދިވެހިންނަށް މިހާރު ދަސްވެފައި އޮތީ ހަކުރުދެންޏާ ބޮޑުބޭބެގެ އުސޫލު ކަމަށެވެ. އެގޮތުން އެމީހަކު ބޭނުންވާ ކަންތައް ނުކޮށްދޭހާ ހިނދަކު ރައީސާއި ސަރުކާރު ގޯސް ކަމަށާއި ކޮންމެ ގޮތަކުންވެސް ބޭނުންވާ ކަންތައް ޙާސިލުވާނަމަ ސަރުކާރާއި ރައީސް ރަނގަޅުކަމަށެވެ.

"ހަކުރު ދެންޏާ ބޮޑުބޭބެ އިޒް ޓްރޫ އޯލްވޭސް އެނީވެއަރ އެނީޓައިމް އެންޑް ފޯރ އޯލް....!" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ޒިންމާދާރު މަސައްކަތެއް ކުރުމުގެ ބަދަލުގައި ސިޔާސީ ފަރާތްތަކުގެ އެޖެންޑާއަކަށްވެސް ވެފައިވަނީ ދޮގާއި މަކަރުން މުޒާހިރާކޮށް ވެރިކަމުގެ ގޮނޑި ހުސްވޭތޯ މަސައްކަތް ކުރުން ކަމަށެވެ. އަދި އެއީ އިޚްލާސްތެރި ނިޔަތެއްގައި ކުރާކަމެއް ނޫންކަމަށްވެސް ނަސީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު