ޕީޕީއެމްގެ މަސްވެރިންގެ މެނިފެސްޓޯއަކީ އޭގައި ކުލަޖައްސާނެ ތަސައްވުރެއްކަމަށް ކުރީގެ ރައީސް ޢަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.

ހއ. އިހަވަންދޫގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމަކީ ރައްޔިތުން ގުނބޯ ހައްދާނެ ބައެއް ނޫންކަމަށާއި ރައްޔިތުންނަށް އިޙްތިރާމްކުރާ ބައެއް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އިހަވަންދޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާނެކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރު ކުރުމާގުޅޭގޮތުންވެސް މިރޭގެ ޖަލްސާގައި ރައީސް ޔާމީން އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޕީޕީއެމްގެ މަސްވެރިންގެ މެނިފެސްޓޯއަކީ އޭގައި ކުލަޖައްސާނެ ތަސައްވުރެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ހަމައެއާއެކު ޕީޕީއެމުން ތައްޔާރުކުރާ މެނިފެސްޓޯގައި ޒުވާނުންގެ ކަންކަން ފުއްދުމަށްފަހު ދެވަނައަށް އެންމެ އިސްކަމެއްދޭ ކަމަކީ މަސްވެރިކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިރޭ ވިދާޅުވީ ދުނިޔޭގެ މާކެޓްގައި ތެލުގެ އަގު މިހާރުހުރި ގޮތަށް ހުރެއްޖެނަމަ ޕީޕީއެމްގެ ވެރިކަމުގައި 20 ރުފިޔާއަށް މަސްކިލޯއެއް ގަންނާނެ ކަމަށެވެ. އަދި އެޕާޓީގެ ވެރިކަމުގައި އެންމެ ފުރަތަމަ އައިސް ޕްލާންޓް ޤާއިމުކޮށް ތެޔޮލިބޭނެގޮތް ހަދާނެ ރަށަކީ އިހަވަންދޫ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ފުއްދާނެ ކަމަށް ވަޢުދުވި ބައެއް ކަންތައްތައް ފުއްދާފައި ނުވާކަމަށް ބުނެ ދައްކާ ވާހަކަތަކަށްވެސް ރައީސް ޔާމީން މިރޭ ރައްދު ދެއްވިއެވެ. އެގޮތުން އެޕާޓީއަކީ ވަޢުދެއް ވުމަށްފަހު އެއީ ކެންސަލް ވަޢުދެއްކަމަށް ބުނާނެ ބައެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުގެ ރިޔާސީ ވައުދަކީ ދުވަހަކުވެސް ނުދައްކާ ވާހަކައެއް، ނުވާ ވައުދެއް އަދި ކެންސަލް އެއްޗެއް ކަމަކަށް ނުބުނަން." ރައީސް ޔާމީން މިރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ނަމަވެސް އެންމެފަހުން ޕީޕީއެމުން މަސްވެރިންގެ މާރުކޭޓު ސަރަޙައްދުގައި ބޭއްވި އެއްވުމާ ދެކޮޅަށް އެސަރަޙައްދުގައި ޚިޔާލުފާޅުކުރި މަސްވެރިން ވަނީ ޕީޕީއެމްގެ ވެރިކަމުގައި މަސްވެރިންނަށް ބެޔަސް ނުބެޔަސް ދޭން ވަޢުދުވި ދިހަހާސް ރުފިޔާ ކޮބައިތޯ ސުވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން