ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ރާއްޖެ އައިއިރު ދިރުވާލައިގެން 80 ބުލެޓު މަސްތުވާތަކެތި އެތެރެކުރި ސައުތުއެފްރިކާގެ ރައްޔިތެއް ކަމަށްވާ ޒަމެކިލެ ލެސިއާ 12 އަހަރަށް ޖަލަށްލައި، 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިއަދުއެވެ.

މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިއުތިރާފްވެފައިވާއިރު، އެ ކުށުގެ އަދަބަކީ 25 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި 100،000 ރުފިޔާއިން ފެށިގެން 10،000،000 ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.

ޖޫން 17، 2022 ގައި ރާއްޖެ އައި ޒަމެކިލެ ލެސިއާ ތަޙުޤީޤު މަރުޙަލާގައި ކުށަށް އިޢުތިރާފްވެ، އެ އިއުތިރާފް ޝަރީއަތުގައިވެސް ވަނީ ދަމަހައްޓާފައެވެ. އެންމެ ކުޑަ އަދަބު އޭނާގެ މައްޗަށް އިއްވާފައިވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމަކަށް ދިއުމުންނެވެ.

އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި ޤާޟީ އިސްމާޢީލް ޝަފީޢު އޭނާއަށް ކުރި ޙުކުމްގައިވަނީ 12 އަހަރާއި 6 މަސްދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށާއި 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. އަދި އެ ފައިސާ 12 މަސް ދުވަސް ތެރޭގައި ދެއްކުމަށް އަމުރުކޮށްފައިވެއެވެ.

އެހެންނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ޖަލުގައި ޒަމެކިލެ ލެސިއާ ހޭދަކުރަން ޖެހެނީ 12 އަހަރާއި 2 މަސްދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު


1

މުހައްމަދު

23-Feb-2023

މިހާރު ޖަލު ހިންގުމުގެ ޚަރަދަށް ބަލާއިރު އޭނާ ޖަލުގައި ހޭދަކުރާ މުއްދަތަށް 8.5 މިލިޔަން ރުފިޔާ ދައުލަތުން ހިގާނެ. އެހެން ކަމުން އަދަބު ކަނޑައެޅުމުގެ ދެވަނަ ވިސްނުމަކަށް ދާން ނުޖެހޭތޯ؟!


1

ޗައިވާލާ

23-Feb-2023

އެއްބަސް ނުވިނަމަ ދޫކޮށްލާނީ