ފެންކުންފުނީގެ މައި އޮފީސް؛ އެކި ސަބަބުތަކާހުރެ ކުރިން ނުދައްކައި ހުރި ފެންބިލުތައް ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމެއް މިހާރުވަނީ ހަމަޖައްސައިދީފަ
ފެންކުންފުނީގެ މައި އޮފީސް؛ އެކި ސަބަބުތަކާހުރެ ކުރިން ނުދައްކައި ހުރި ފެންބިލުތައް ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމެއް މިހާރުވަނީ ހަމަޖައްސައިދީފަ
ފެން ބިލަށް ދައްކަން ޖެހޭ ފައިސާ އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް މަހުންމަހަށް ބަހާލައިގެން ލުއި ފަސޭހަ ގޮތެއްގައި ފައިސާ ދައްކާ ޚަލާސް ކުރެވޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ފެންކުންފުނިން ބުނެފިއެވެ.

ފެންބިލުގެ ދަރަނި އަދާކުރުމަށް ކަސްޓަމަރުންނަށް އެހީތެރިވުމަށްޓަކައި އެމްޑަބްލިއުއެސްސީ އިން ތައާރަފްކުރި "ދަރަންޏަށް ލުއި" ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ވަނީ ބުނެފައެވެ. ފެން ކުންފުނިން ވަނީ މި ހެޔޮ ބަދަލާއެކު ލިބުނު ފުރުސަތުގެ ބޭނުންކޮށް، ދައްކަން ޖެހޭ ފައިސާއާ މެދު ގޮތެއް ނިންމުމަށްފަހު ދަރަނި ހަލާސް ކުރުމަށް އިލްތިމާސްކޮށްފައެވެ.

އެ ކުންފުނިން ބުނީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ އަބަދުވެސް އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އަދިި ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކަސްޓަމަރުންގެ ފަރާތުން މަހުން މަހަށް ފެން ބިލަށް ފައިސާ ދެއްކުމަކީ އެކުންފުނިން ބާރު އަޅާ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ފެނާއި ނަރުދަމާގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒަކަށްވާއިރު ބިލު ދެއްކުމުގައިވެސް ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.

އެގޮތުން ބިލަށް ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ހާއްސަ ޕްރޮގްރާމެއް ފަށާފައިވާކަމަށާއި ކޮވިޑްގެ ފުރަބަންދާ ގުޅިގެން އެ ޕްރޮގްރާމު ބޭނުންކުރާ ކަސްޓަމަރުން މަދުކަމަށް އެމްޑަބްލިއުއެސްސީން ފާހަގަކުރެއެވެ. އެހެންކަމުން "ދަރަންޏަށް ލުއި“ ޕްރޮގްރާމުގައި ބައިވެރި ވުމުގެ މުއްދަތު 17 މާރިޗް 2021 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.

އެކުންފުނިން ބުނީ، 17 މާރޗް 2021 ގެ ކުރިން ފެން ބިލަށް ދައްކަވާ ފައިސާގެ އިންސައްތައިގެ ނިސްބަތުން، މިހާރު ނުދައްކާހުރި ބިލްތަކުގެ ޖޫރިމަނާ މައާފް ކުރެވިގެންދާނެ ކަމަށާއި، ކަސްޓަމަރުންނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ ދަރަނީގެ ފައިސާ ދެއްކެވުމަށް އެކުންފުނިން އެދޭކަމަށެވެ.

އެ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ 24 ގަޑިއިރު ގުޅޭ ކަސްޓަމަރކެއަރ ހޮޓްލައިން ނަމްބަރު 105 އަށް ގުޅުއްވުމަށާއި، އަދި 1050 އަށް އެސްއެމްސް ކުރައްވައިގެންނާއި، [email protected] އަށް މެއިލް ކުރުމުން މަޢުލޫމާތު ލިބޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން