ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ދެވަނަ ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ
ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ދެވަނަ ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިނަށް ބައެއް ބަދަލުތައް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

ރައީސް އޮޮފީހުން ބުނީ ގައިޑްލައިނަށް ބަދަލުތަކެއް ގެންނަން ނިންމަވާފައި ވަނީ މިއަދު ކުރިއަށް ދިޔަ، ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ދެވަނަ ބައްދަލުވުމުގައި އެ ގައިޑްލައިނާ ގުޅޭގޮތުން ޓާސްކްފޯސްގެ ބައިވެރިންނާއި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.

އެ މަޝްވަރާތައް ފެއްޓެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ރާއްޖޭގެ ބޯޑަރުތައް އަންނަ މަހުގެ ތެރޭގައި ހުޅުވާލާއިރު އެކަމުގައި ސަރުކާރުން ވިސްނުންގެންގުޅުއްވާ ގޮތް ހިއްސާ ކުރައްވާފައެވެ. އަދި މި ގައިޑްލައިންގައި ހުރި ބައެއް މާއްދާތަކާމެދު ޓާސްކްފޯހުގެ މެންބަރުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައިވާކަމަށްވެސް ރައީސް އޮފީހުން ހާމަކުރެއެވެ.



މިގޮތުން މި ބައްދަލުވުމުގައި ޓާސްކްފޯހުގެ މެންބަރުން ޚިޔާލު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިން ރާއްޖެ އަންނައިރު ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކާއި، ފަތުރުވެރިން ކޯވިޑް-19 އަށް ޓެސްޓުހެދުމާއި، އައިސޮލޭޓް ކުރުމާއި ގުޅޭގޮތުން ހުރި ބައެއް މާއްދާތަކާއި އަދި ރިޒޯޓްތަކަށް ދަތުރުކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ މައްދާތަކުގައި ހުރި ކަންކަން ހިމެނޭ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެއެއެވެ.

މީގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ދިވެހިރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި ރާއްޖޭގައި އުޅޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ. ގައިޑްލައިންގެ ބައެއް މާއްދާތަކަށް ބަދަލު ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ އެ ޓާސްކްފޯސްގެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ މަޝްވަރާ އާ އެކުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.



ނެޝަނަލް ޓާސްކްފޯސް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ޓާސްކްފޯހުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 3 މަސައްކަތު ގްރޫޕަކަށް ބަހާލައިގެންނެވެ. އެ 3 މަސައްކަތު ގުރޫޕަކީ، ވާރކިންގް ގްރޫޕް އޮން ފައިނޭންސް، ވާރކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ވާރކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓަރ އެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން